ޚަބަރު
ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ބުނެފިއެވެ.

މެޓުން މައުލޫމާތު ދިން ގޮތުގައި މެދު ރާއްޖެތެރެ އާއި ދެކުނުގެ ރަށްރަށަށް މިއަދު ވެސް ކެރީގެ އަސަރު ކުރުން އެކަށީގެންވެއެވެ. އަދި މާދަމާ އާއި ބުދަ ދުވަހު މުޅި ރާއްޖެއަށް ވިއްސާރަވެ، އެންމެ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ ބުދަ ދުވަހު ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

މި ދުވަސްވަރު ކަނޑުތައް އާންމު ގޮތެއްގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުނެފައިވާއިރު، ވިލާގަނޑުގައި ވަރަށް ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން އިންޒާރު ދީފައިވެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ކަމަށާއި، އެހެން އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖަހާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މެޓުން ވަނީ ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާފާނެ ކަމަށް އިންޒާރު ދީފައެވެ. މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް މެޓުން އިރުޝާދު ދީފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *