ޚަބަރު
އޮރެންޖު ހިޔާގައި ޑަޔަލިސިސް ސެންޓަރެއް ހުޅުވައިފި

ހުޅުމާލޭ އޮރެންޖު ހިޔާގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކޮށްފައިވާ އައު ޑަޔަލިސިސް ސެންޓަރެއް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ހުޅުވައިދެއްވާފައެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ ދަށުން ހިންގާ މި ސެންޓަރުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވި ގޮތުގައި، މި ސެންޓަރަކީ ހުޅުމާލޭ ހޮސްޕިޓަލުން މިހާރު ދެމުންދާ ޑަޔަލިސިސްގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ހުޅުވި ސެންޓަރެކެވެ.އެ ޚިދުމަތް ހޯދުމަށް ހަފުތާއަކު ތިން ދުވަހަކު ދުވާލަކަށް ހަތަރު ގަޑިއިރު ހޭދަކުރަން ޖެހޭއިރު، އިސްރަށްވެހިން ރޭގަނޑު އެ ތަކުލީފުގައި އުޅުމަކީ އެހާ ފަސޭހަކަމަކަށް ނުވިކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ހުޅުވާފައިވާ މި ސެންޓަރުގައި 30 އެނދު ހިމެނޭއިރު، އިމަޖެންސީ ހާލަތްތަކަށް އިތުރު ދެ އެނދާއި އައިސޮލޭޝަން ވަސީލަތްތައް ވެސް ގާއިމުކޮށްފައިވެއެވެ. ސެންޓަރުގައި ދެ ދަންފަޅިއަކަށް ޚިދުމަތް ދިނުމުން، ދުވާލެއްގެ މައްޗަށް 150 މީހުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ދެމުން އަންނަނީ 10 އެނދުގެ ޑިޕާޓުމަންޓަކުން ކަމަށްވާއިރު، މި އައު ސެންޓަރާއެކު ހުޅުމާލޭގައި މި ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ. ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *