ޚަބަރު
ޖަސްޓިސް ބިލްޑިންގް އެނެކްސް ހުޅުވައިފި

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަލަށް އިމާރާތްކުރި “ޖަސްޓިސް ބިލްޑިންގް އެނެކްސް” މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މެންދުރުފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ ވިދާޅުވީ، މިއީ ފަހުގެ ތާރީހެއްގައި ސަރުކާރުން ޝަރުއީ ދާއިރާގެ އިމާރާތެއް އެޅުމަށް އެންމެ ބޮޑު ހަރަދެއް ކުރި އިމާރާތް ކަމަށެވެ. އަދި މި މަޝްރޫއު ނިންމުމަށް ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކުރި ގޮތުގައި، ކުރިން ހިންގި ކޮވިޑް ހޮސްޕިޓަލުގެ އިމާރާތުގައި ހެދިފައިވާ މި އައު އިމާރާތުގައި ކްރިމިނަލް ކޯޓަށް 10 ޝަރީއަތުގެ މާލަމާއި، ޑްރަގް ކޯޓަށް 5 ޝަރީއަތުގެ މާލަން ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރުންނަށް ހާއްސަކޮށް ކްރިމިނަލް ކޯޓަށް 12 އަދި ޑްރަގް ކޯޓަށް 5 ކޮޓަރި ހިމެނެއެވެ.

“އެތައް ދުވަހެއް ވަންދެން ނުނިމި ދިގުލައިގެން ދިޔަ އެތަކެއް މައްސަލަތަކަށް އަލަށް ހަމަޖެހުނު ޖަސްޓިސް ބިލްޑިންގުގެ އެނެކްސްގެ ސަބަބުން ވަނީ ހައްލު ލިބިފައި،” އަމްޖަދު މުސްތަފާ ވިދާޅުވިއެވެ. “އުއްމީދަކީ އަލަށް ހަމަޖެހުނު އިމާރާތުގެ ސަބަބުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ މަސައްކަތުގެ ދުވެލި ހަލުވިވެ، ފަސޭހަކަމާއި އަވަސްކަމާ އެކު ރައްޔިތުންނަށް އަދުލު އިންސާފު ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދިއުން.”

ފާހަގަކޮށްލެވޭ ކަމަކީ، ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރެވުނީ އެ ކޯޓު ކުރިން ހިންގަމުން އައި އެސްޓީއޯ އިމާރާތް ބާވެ، އިމާރާތުގެ ބައިތައް ވެއްޓޭ ހިސާބަށް ދިއުމާ ގުޅިގެންނެވެ. މި އައު އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *