ޚަބަރު
ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމަށް ދައުލަތުގެ އިއްޒަތް އަރުވައިފި

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހު ރިޓަޔަރ ކުރެއްވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައެވެ.

ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ މި ލަގަބު އެރުވުމަށް ނިންމެވީ ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާއިން މީހުން ބިނާކުރުމަށާއި، ޝަރުއީ ދާއިރާގެ ކަންކަމާއި މައްސަލަތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ނިންމުން ހަރުދަނާކުރުމަށް މުއުތަސިމް ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ. މީގެއިތުރުން، ޚާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ގާނޫނީ ލަފާ ދެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވެސް ވަޒަންކުރައްވާ ކަމަށް ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

މުއުތަސިމް ރިޓަޔަރ ކުރެއްވުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގައެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކަމަށް ހުއްދަ ދެއްވުމާ ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު އެމަނިކުފާނު ވަނީ މަޤާމުން ރިޓަޔަރ ކުރައްވާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ޝަރަފްވެރިކަމާއެކު މަޤާމުން ރިޓަޔަރ ކުރައްވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ.

މުއުތަސިމްގެ ޝަރުޢީ ދާއިރާގެ ޚިދުމަތަށް ބަލާއިރު، 2019 ވަނަ އަހަރު އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، 2010 އިން 2014 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. މީގެ ކުރިން އައްޔަންކުރެވުނު ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަޤާމުން ދުރުކުރެވުނު ބޭފުޅުންކަން ފާހަގަކުރެވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *