ޚަބަރު
ބ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ

ބ އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމުގެ މަސައްކަތްތައް މިހާރު ފުރިހަމަކޮށް ނިމިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން ޖުލައި 28 އިން އޮގަސްޓް 3 އަށް ހިލޭ ދަތުރުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އާރްޓީއެލްގެ ރަސްމީ ޚިދުމަތް އޮގަސްޓް 4 އިން ފެށިގެން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތުގެ ޓިކެޓް ގަތުމަށް އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި ނ. އަތޮޅުގައި މިހާރުވެސް އާރްޓީއެލް ފެރީގެ ޚިދުމަތް ދެމުން ގެންދެއެވެ. ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު، ޒޯން 2 ގެ އަތޮޅުތެރޭގެ ޚިދުމަތް ފުރިހަމަވެގެންދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ޒޯން 2 ގައި ހިމެނޭ 4 އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢަކީ މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން 6 ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ޤައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި އަރާމުދަތުރުތައް ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ފައިދާހުރި ނިޒާމެއް ޤާއިމްކުރުމެވެ. ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު 11 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ލިބޭނެެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *