މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން ފުލުހުން އަންގައިފިއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުތަކުގައި ޕާކް ކޮށްފައިވާ އުޅަނދުތައް މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން ނެގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އަންގައިފައެވެ.
ފުލުހުން މި މައުލޫމާތު ހިއްސާކޮށްފައިވަނީ “އެކްސް” ގައި ކުރި ޕޯސްޓަކުންނެވެ. މި ޕޯސްޓާއެކު ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުތައް ފާހަގަކޮށް، ޗާޓެއް ވެސް ވަނީ ހިއްސާކޮށްފައެވެ. އުޅަނދުތައް ނަގަން އަންގައިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ސަލްޓަން ޕާކް ސަރަހައްދާއި މުލިއާގެ، ރައީސް އޮފީސް އަދި ޖުމްހޫރީ މައިދާން ހިމެނެއެވެ.
“މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކް ކޮށްފައިވާ އުޅަނދުތައް ޖުލައި 24 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނެންގެވުމަށް ދަންނަވަން” ފުލުހުންގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ދެވިފައިވާ މުއްދަތު ހަމަވުމަށްފަހު އެ ސަރަހައްދުތަކުގައި ހުންނަ އުޅަނދުތައް ރީ ލޮކޭޓް ކުރާނެއެވެ. އަދި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ކަންކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.