ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްޓޫޑެންޓް ޑެބިޓް ކާޑުން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން ހާއްސަ ޑިސްކައުންޓެއް ލިބޭ ގޮތް ހަދައިފިއެވެ. ބީއެމްއެލްއިން ބުނީ، އެކި ފިހާރަތަކާއި، ރެސްޓޯރަންޓް އަދި ބުކްޝޮޕްތަކުން ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށެވެ.
ބީއެމްއެލް އިން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައި ވަނީ ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމަށެވެ. އެގޮތުން ވަކި އަދަދެއް މަހެއްގެ މައްޗަށް ބަޖެޓްކޮށްގެން ކުދިންގެ ކުދި ކުދި ޚަރަދުތައް މި ކާޑު މެދުވެރިކޮށް ކުރުމުން އެ ކުދިންނަށް ބަޖެޓިން ފަދަ މުހިންމު ކޮންސެޕްޓްތައް ދަސްވާނެކަން ބީއެމްއެލްއިން ފާހަގަކުރެއެވެ.
ދެ އުމުރުފުރާއަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެއެވެ.
ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ހަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެއެވެ. ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެއެވެ.
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެއެވެ. މިކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެއެވެ. އެގޮތުން މަހަކު 100 ޔޫއެސް ޑޮލަރު ވަނީ ކަނޑައަޅާފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް މަހަކު 1,200 ޔޫއެސް ޑޮލަރުގެ (ރަޖިސްޓްރީކޮށް ލިޔެކިޔުންތައް ހުށަހެޅުމުން) ބޭރު ފައިސާގެ މުޢާމަލާތްތަކުގެ ލިމިޓް ކަނޑައެޅިފައިވެއެވެ.