އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ “އަހާ” ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފްލެޓްތަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތަކާއި ޝަކުވާތައް ބަލައި، މައްސަލައެއް ނެތި ފްލެޓް ލިބޭކަން ކަށަވަރުވާ ފަރާތްތަކުގެ ލިސްޓް އެކުލަވާލަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތަށް ދިގު މުއްދަތެއް ހޭދަވަމުންދަނީ، ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ ސައްޚަކަން ދެނެގަތުމަށް ގިނަ ދުވަސްތަކެއް ބޭނުންވާތީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“މި ހުރިހާ މަސައްކަތްތަކާއެކު އަންނަ ހަފްތާގައި އެގްރިމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ. އެކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެބަ ކުރިއަށްގެންދޭ. ކުރިންވެސް ބުނިގޮތަށް އެގްރިމަންޓްގައި ސޮއިކޮށް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް މިމަހު ކުރިއަށްދާނެ،” ވަޒީރު ވިދާޅުވިއެވެ.
4000 ހައުސިންގ ޔުނިޓުގެ “ގެދޮރުވެރިޔާ” މަޝްރޫޢުގައި ފްލެޓް ދޫކޮށްފައިވާ ގޮތާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން، މި ސަރުކާރުން ވަނީ އެކަން ބެލުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. ކޮމިޓީން ނެރުނު ލިސްޓުގައި ގިނަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ފެންނާތީ، އެ ފަރާތްތަކަށް ޖަވާބުދާރީވެ ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދީފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.