ޚަބަރު
ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ބަލައިގަނެފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް މަޖިލިހަށް ބަލައިގަނެ، ދިރާސާކުރަން މިއަދު ކޮމިޓީ އަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި ބިލްގެ ބަހުސް ދެ ދުވަސް ތެރޭގައި ނިންމައި، ބިލް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެނންެވި 42 މެންބަރުންގެ އިއްތިފާގުންނެވެ. ބިލް ދިރާސާކުރަން ފޮނުވީ ޖުޑީޝަރީ ކޮމިޓީއަށެވެ.

ބިލްގައިވާ ގޮތުން، ކުށްކުރާ ގްރޫޕްތައް ނުވަތަ ގޭންގްތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އެ ތަހުގީގުގެ ތެރެއިން ވަކި ގުރޫޕަކީ ކުށްކުރާ ބައެއް ކަން ނުވަތަ ވަކި މީހަކީ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހެއް ކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ.

މިހާރު އަމަލުކުރާ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު އޮންނަ ގޮތުން ގޭންގް ލީޑަރުންނާއި މެމްބަރުން ކަނޑައެޅެން އޮންނަނީ ދައުލަތުން ދައުވާ ކުރުމުން ކޯޓުތަކަށެވެ. މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް މީހަކީ ގޭންގް ލީޑަރެއް ކަމަށް އަދި މެމްބަރެއް ކަމަށް ކަނޑައަޅައިފައެއް އަދި އެ ގާނޫނުގެ ދަށުން އަދަބެއް މީހަކަށް އަދަބެއް ދީފައެއް ނުވެ އެވެ. އެއީ އެ މީހަކު ނިސްބަތްވާ ގްރޫޕުން އާންމުކޮށް ކުރާ ކަމަކީ ގޭންގް ހަރަކާތްތައް ކަން ސާބިތުކޮށް ދިނުގައި ގާނޫނީ ހުރަސްތައް ހުންނާތީ އެވެ.

ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ އެއީ ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށް ފަހު، އެފަދަ ފަރާތްތަކާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމިއްޔާ، ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. ގޭންގް މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި ރާއްޖެ އިން ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ.

އެ ބިލްގައިވާ ގޮތުން ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހިއްސާކޮށް އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހެ އެވެ.

ބިލުގެ ފުރަތަމަ ޑްރާފްޓްގައި ގޭންގުތަކާއި ގޭންގު ލީޑަރުން އަދި ގޭންގުތަކުގައި އުޅޭ މެމްބަރުން ކަނޑައެޅުމުގެ ބާރު ހޯމް މިނިސްޓަރާއި ފުލުހުންނާއި ސިފައިން ހިމެނޭ ކޮމިޓީއަކަށް ލިބޭ ގޮތަށް އޮތް ނަމަވެސް މަޖިލީހަށް ހުށަހެޅިއިރު އެ މާއްދާ ވަނީ އުނިކޮށްފަ އެވެ.

ގޭންގެއް ކަމަށް ކަނޑައެޅޭ އެއްވެސް ގޭންގެއްގެ ނަމެއް ނުވަތަ އެ ނަމުގެ ބައެއް ހިމެނޭހެން ބޭނުން ކުރެވޭ ގޮތަށް އެއްވެސް ގާނޫނީ ޝަޚުސެއް ރަޖިސްޓަރީ ކޮށްދީގެން ނުވާނެ ކަމަށް ބިލްގައި ހިމަނާފައި ވާއިރު އެކަން ހާސިލު ކުރުމުގެ ގޮތުން، ގޭންގްތަކުގެ ނަންތައް ކޮންމެ ދެ މަހަކުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރައްވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

ގޭންގެއްގެ މެމްބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރި ނަމަ އެ މީހަކު ވަޒީފާއިން ވަކި ކުރަންޖެހޭ ކަމަށް ބިލްގައިވެ އެވެ. އެފަދަ ފަރާތަކަށް ދައުލަތުން ވަޒީފާ ދީގެން ނުވާނެ ކަމަށާއި އިންތިހާބީ މަގާމުތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބިލްގައި ބަޔާންކުރެ އެވެ.

ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ބިލްގައި ބުނެފައި ވަނީ ވަކި ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރުމެވެ. އޭނާއަކީ ގޭންގް މެންބަރެއް ކަމަށް އެއްބަސްވާ ފަރާތްތަކާއި ކުށްކުރާ ގޭންގްތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމަކީ ވެސް ކުށެއް ކަމަށް ބިލުގައިވެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *