ޚަބަރު
ސަރުކާރުން އުފައްދާ “ޓެކްސީލައިން” ގެ ޙިދުމަތް ދޭނީ އެމްޓީސީސީ އިން
ސަރުކާރުން އުފައްދާ "ޓެކްސީލައިން" ގެ ޙިދުމަތް ދޭނީ އެމްޓީސީސީ އިން

ސަރުކާރުން އަލަށް ތަޢާރަފުކުރާ ޓެކްސީލައިން އޮޕަރޭޓްކޮށް ޓެކްސީ ޚިދުމަތް ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ކުރިއަށް ގެންދާނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންނެވެ.

މި އައު ޓެކްސީލައިން ތަޢާރަފުކުރުމަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެނެވޭ ވަރަށް މުހިންމު ބަދަލެކެވެ.

ޓެކްސީލައިން އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ގްރޭޓަރ މާލޭ ސަރަޙައްދުގައި ދަތުރުފަތުރާ ގުޅޭގޮތުން އުފެދިފައިވާ “މާކެޓް ގެޕްސް” ތަކަށް ހައްލު ހޯދައިދިނުމަށާއި، ޓެކްސީ ޚިދުމަތް ލުއިފަސޭހަކަމާއެކު ރަނގަޅު ފެންވަރެއްގައި ޢާންމުންނަށް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެކެވެ.

އެމް.ޓީ.ސީ.ސީ އަކީ މިހާރުވެސް މި މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރުގެ ޚިދުމަތް ދެމުންގެންދާ ކުންފުންޏެކެވެ. އެމް.ޓީ.ސީ.ސީގެ ތަޖުރިބާއާއި ޤާބިލުކަމާއެކު، ރައްޔިތުންނަށް އިތުބާރުހުރި، ރައްކާތެރި އަދި ފަސޭހަ ޓެކްސީ ޚިދުމަތެއް ފޯރުކޮށްދެވޭނެއެވެ.

މި އައު ޓެކްސީލައިން ތަޢާރަފުކުރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ކަސްޓަމަރުން ބޭނުންވާ ވަގުތުގައި، ޚާއްޞަކޮށް މާލޭ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލު ހޯދުން ހިމެނެއެވެ. މީގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ މަތީ އަގުތަކުގައި ޓެކްސީ ޑްރައިވަރުން ދަތުރުކޮށްދިނުމުގެ މައްސަލަ ހައްލުކުރުމަށާއި، ޚިދުމަތުގެ ފެންވަރު މަތިކޮށް، ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

މީގެއިތުރުން މިހާރު ޓެކްސީ ސެންޓަރުތައް ގިނަވެ، އިންތިޒާމެއް ނެތި ހިންގަމުންދާތީ، ރޭވިގެން އިންތިޒާމެއްގެ ތެރެއިން ޢާންމުންނަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ސަރުކާރުން ދެކެއެވެ. އަލަށް ތައާރަފްކުރެވޭ މި ޓެކްސީލައިންގެ ސަބަބުން މި ދަތިތަކަށް ހައްލު ލިބިގެންދާނެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *