ޚަބަރު
އައިޑީކާޑުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ހަތް ރަށެއްގައި އެ ޙިދުމަތް ދޭން ފަށައިފި
މީހެއް އައިޑީ ކާޑެއް ހިފައިގެން. --ފޮޓޯ: ޕީއެސްއެމް

އައިޑީކާޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން މި އަހަރުގެ މިހާތަނަށް 7 ރަށެއްގައި މި ޚިދުމަތް ފަށައިފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ. ވަޢުދުފުޅެއް ކަމުގައިވާ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) އިން މަޢުލޫމާތު ދެއްވިގޮތުގައި، މި އަހަރު ތެރޭގައި އައިޑީކާޑުގެ ޚިދުމަތް ފަށާފައިވަނީ ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ކެލާ، ރ. އުނގޫފާރު، ރ. އަލިފުށި، ނ. މަނަދޫ އަދި ނ. ކެނދިކުޅުދޫގައެވެ. އަދި މި މަހުގެ ތެރޭގައި ހދ. މަކުނުދޫ އަދި ފ. ނިލަންދޫގައިވެސް މި ޚިދުމަތް ފެށިގެންދާނެ ކަމަށް ޑީ.އެން.އާރުއިން ބުނެއެވެ.

މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރެވުނީ މިދިޔަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މީގެ ކުރިން، އަތޮޅުތެރޭގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް ފެށިފައިވަނީ ގއ. ވިލިނގިލީގައެވެ. އަދި ދ. ކުޑަހުވަދޫގައި މި ޚިދުމަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

މާލެ ސަރަޙައްދުގައި، ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައާއި ވިލިމާލޭގައިވެސް އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް މިހާރު ވަނީ ފެށިފައެވެ. މި ޚިދުމަތްތައް ދެމުން ގެންދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޢުމަރު ޒާހިރު ބިލްޑިންގގެ ތިރީ ފަންގިފިލާގައާއި، ދެވަނަ ފިޔަވަހީގައި ވިނަރެސް ޓަވަރ 2 ގެ ފުރަތަމަ ފަންގިފިލާގައި އަދި ވިލިމާލޭގައި އީ ބްލޮކްގެ ތިރީ ފަންގިފިލާގައެވެ.

ޑީ.އެން.އާރުއިން އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި، އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނިޔަލަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *