ޚަބަރު
ހިތަދޫގައި މީހަކު ރަހީނުކުރުން: ކުޑަކުއްޖާ ދޫކޮށްލައި، ހަތަރު މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފި

އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރެވުނު ފަސް މީހުންގެ ތެރެއިން ކުޑަކުއްޖާ ދޫކޮށްލައި، އެހެން ހަތަރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހިތަދޫ މައިލޯ ދަނޑު ސަރަހައްދު ކައިރިންނެވެ. ފުލުހުން އެ ސަރަހައްދުގައި ޕެޓްރޯލް ކުރަމުންދަނިކޮށް، ޖޯއްޔެއްގައި މީހަކު ބަނދެ، ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި ހުއްޓާ ފެނުނެވެ. އަދި އެ ސަރަހައްދުން ފިލަން މަސައްކަތްކުރި ހަތަރު މީހަކާއި ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ.

ފުލުހުންގެ މަޢުލޫމާތު ދިނުމުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތަކަކީ:
1. ސ. ހިތަދޫ، ވިޝަންޑްރީމް، ސަމާހު ތައުފީގް (20 އަހަރު)
2. ސ. ހިތަދޫ، ގްރޭސް، މުހައްމަދު ޔައީޝް އަޒާދު (19 އަހަރު)
3. ސ. ހިތަދޫ، ނޫތަރި، އަޝްރަފް މުހައްމަދު (22 އަހަރު)
4. ސ. ހިތަދޫ، މެރީގާޑަން، އަލީ މާޒިން ހަސަން (20 އަހަރު)

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން, ސަމާހު އާއި އަޝްރަފްގެ ބަންދަށް 15 ދުވަސް އަދި ޔައީޝް އާއި މާޒިންގެ ބަންދަށް ހަތް ދުވަސް ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު 15 އަހަރުގެ ކުޑަކުއްޖާގެ މަޢުލޫމާތު، ޤާނޫނުގައިވާ ގޮތުގެ މަތިން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އެ ކުއްޖާ މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައިކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ ފަރާތުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގެ ތަޙްޤީޤު މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *