ޚަބަރު
ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލެ ސަރަހައްދުގައި ދޫކުރަން ފަށާނީ މިމަހު 20 އިން ފެށިގެން

ރަމަޟާން މަހަށް ޚާއްޞަކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ބެހުމުގެ ތައްޔާރީތައް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ހާމަކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މި މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި މާލެ ސިޓީ ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކާ އެކު މަޝްވަރާކުރެވި، ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައި ކަމަށެވެ.

ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅެވެ. މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

މާލޭގައި މި މުދާ ދޫކުރަން ފަށާނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ތާރީޚުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން ކުރިއާލާ އަންގާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

މިއަހަރުވެސް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. މަސްދަޅު ކޭސް ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައި ކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށެވެ. އެއީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށެވެ. ހަދިޔާ ދޫކުރުމަށް މާލެ ސަރަހައްދުގައި ޖުމްލަ 5 މަރުކަޒެއް ޤާއިމުކުރެވޭނެއެވެ. އޭގެ ތެރޭގައި މާލޭގައި 2 މަރުކަޒާއި، ވިލިމާލޭގައި 1 މަރުކަޒު، އަދި ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 ގައި އެއް މަރުކަޒު ހިމެނެއެވެ.

އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ އަތޮޅު ތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައިވާ ކަމަށެވެ. އަދި ރަށްރަށުގެ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށްވެސް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *