ޚަބަރު
“މިއީ މަސް ކިރަން ކިއުގައި ތިބެން ޖެހޭނެ ފަހު އަހަރު”: ވަޒީރު ޝިޔާމް

މިއީ މަސްވެރިން މަސް ކިރުމަށް ކިޔުގައި ޖެހޭނެ ފަހު އަހަރު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު އެއްވެސް އުނދަގުލަކާ ނުލައި މަސްވެރިންނަށް މަސް ކިރުމުގެ އިންތިޒާމް ފަހިވެގެންދާނެ ކަމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ދޮށީގެ މަސްވެރިކަމުގައި މިވަގުތު ކިޔުއެއް އޮތް ނަމަވެސް، އެއްވެސް ސަރުކާރަކުން މި ކިޔު ނައްތައިލުމަށް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

“ކިޔު ނަމްބަރު މިދެވެނީ ދޯންޏަކުން ގުޅާފަ ތިމަންނަމެން މި އަންނަނީ އޭ ކޫއްޑޫ ބަނދަރަށް މަސްކިރަން. ތިމަންނަމެންގެ އެބަ ހުއްޓޭ 40 ޓަނު ނޫނީ 50 ޓަނު. ދެން ކޫއްޑޫއިން މި ރިޒާވް ކުރަނީ 50 ޓަނު. އެކަމަކު ބަނދަރާ ހިސާބަށް އާދެވޭއިރު ގިނަ ފަހަރު މި ހުންނަނީ 20 ޓަނު. ހުރީމަ ދެ ވަނަ ދޯންޏަށް ތަންކޮޅެއް އަވަހަށް ކިޔު ނަމްބަރު އެބަ ދެވޭ,” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި މަހުގެ 30 އާ ހަމައަށް ބައެއް ދޯނިތަކަށް ކިޔު ނަމްބަރު ދީފައި ހުރި ނަމަވެސް، މިހާރު މިފްކޯއިން ފުލް ކެޕޭސިޓީއަށް މަސް ގަންނަމުންދާތީ، މިއަދު ނޫނީ މާދަމާ އެ ދޯނިތަކަށް މަސް ކިރޭނެ ކަމަށެވެ.

ސަރުކާރުގެ މަސްވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމުގެ ޕްލޭނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، “އިރާދަ ކުރެއްވިއްޔާ މިއީ ކިއުގައި ޖެހޭނެ ފަހު އަހަރު. އަޅުގަނޑުމެން ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭންގައި ނޫނީ މިހާރު މަސްވެރިކަމުގެ ސިނާއަތުން ކުރެވޭ މަސައްކަތްތަކުން އިރާދަކުރެއްވިއްޔާ މި ކިޔު އަޅުގަނޑުމެން ނައްތާލާނަން.”

މީގެއިތުރުން، މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މިފްކޯގެ ޖަޒީރާ 1 އަދި ޖަޒީރާ 2 ބޯޓު މި ހަފްތާގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *