އަންނަ މަހު ފެށޭ ރަމަޟާން މަހާ ދިމާކޮށް، ގާނޫނުން ލާޒިމުކުރާ ރޯދަ އެލަވަންސް މި މަހުގެ 20 ގެ ކުރިން ދޫކުރުމަށް އަންގައި، މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ ސާކިއުލާއެއް ނެރެފައެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ސޮއިކުރައްވައި ފޮނުއްވާފައިވާ މި ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، ފެބްރުއަރީ 20 ގެ ކުރިން، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާގެ މަގުން ރޯދަ އެލަވަންސް ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ.
މީގެ އިތުރުން، އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭންޖެހޭނީ އަސާސީ ވަޒީފާ އަދާކުރާ އޮފީހުން ކަމަށާއި، ސްކޮލަޝިޕް ލީވް އަދި ނޯވް އަދި ނޯޕޭ ލީވުގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭން ނުޖެހޭނެ ކަމަށްވެސް މި ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.
ރޯދަ އިނާޔަތް ދޭން ފެށީ 2015 ވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެންނެވެ. ނަމަވެސް، އޭގެ ފަހުން ކޮންމެ އަހަރަކުވެސް ރޯދަ އެލަވަންސް ހަމައަށް ނުދިނުމާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އާންމު ގޮތެއްގައި ރޯދަ އެލަވަންސް ނުދެނީ އަމިއްލަ ވިޔަފާރި ކުންފުނިތަކުންނެވެ.