ޓްރަމްޕް ބޭނުންވަނީ ފަލަސްތީނުގެ މީހުން ނެރުމަށްފަހު އެމެރިކާއިން ޣައްޒާ ހިފަން އެމެރިކާގެ ރައީސް ކަން ކުރެއްވި ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާގެ ފަލަސްތީނު ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކޮށް، އެމެރިކާއިން އެ ސަރަހައްދު ހިފުމަށް ގޮވާލައްވާފައެވެ. މިއީ ބައިނަލްއަޤްވާމީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، ފާޑުކިޔާފައިވާ ހުށަހެޅުމެކެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ ފަލަސްތީނުގެ މީހުން އަވައްޓެރި ޤައުމުތަކަށް ބަދަލުކުރުމަށްފަހު، އެމެރިކާއިން ޣައްޒާ ހިފައި، “ދުނިޔޭގެ މީހުން” ދިރިއުޅޭނެ ގޮތަށް އެ ސަރަހައްދު ތަރައްޤީ ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް މި ހުށަހެޅުމަށް ގިނަ ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.
އދ ގެ ފަލަސްތީނު އޮކިއުޕައިޑް ޓެރިޓަރީގެ ސްޕެޝަލް ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީޒް ވިދާޅުވެފައިވަނީ ޓްރަމްޕްގެ މި ޕްލޭނަކީ “ޣައިރު ޤާނޫނީ، ލާއިންސާނީ އަދި ފުރިހަމައަށް ޒިންމާދާރުކަން ކުޑަ” ކަމެއް ކަމަށެވެ. އަދި މިއީ މީހުން ގަދަކަމުން ނެރުމުގެ “ބައިނަލްއަޤްވާމީ ކުށެއް” ކުރުމަށް ހުށަހެޅުއްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމާސްއިން ޓްރަމްޕްއަށް ރައްދު ދެމުން ބުނެފައިވަނީ އޭނާގެ ޕްލޭންތަކަކީ “ސަރަހައްދުގައި ހަމަނުޖެހުމާއި އޮއްޓަރު ނެތްކަން އުފެއްދުމުގެ ނަތީޖާއެއް” ކަމަށެވެ. އަދި “އަޅުގަނޑުމެންގެ ޣައްޒާގެ ރައްޔިތުން މި ޕްލޭންތަކަށް ފުރުސަތެއް ނުދޭނެ” ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހުށަހެޅުން އައިސްފައިވަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން 47،552 މީހުން މަރުވެ، 111،629 މީހުންނަށް އަނިޔާވެފައިވާ ދަނޑިވަޅެއްގައެވެ. މި ތަފާސްހިސާބުތަކަކީ ޣައްޒާގެ ސިއްހީ މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތެވެ. އަދި ސަރަހައްދުގެ ވެއްޔާއި އަޅިތަކުގެ ތެރެއިން މަރުވެފައިވާ އެތައް ހާސް ބައެއްގެ ހަށިގަނޑު ފެނިދާނެ ކަމަށް ބެލެވެއެވެ.