ޚަބަރު
ރިޔާސީ ބަޔާން އިއްވެވުން މާދަމާ

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވަވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ.

މިއީ ރައީސް ޑރ. މުޢިއްޒު ދެއްވާ ދެވަނަ ރިޔާސީ ބަޔާނެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ދައުރު ފަށާ ޖަލްސާއެވެ. މި އަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ބާއްވާ ޖަލްސާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9 ޖަހާއިރަށެވެ. އެ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިސް ދައުރު ފަށާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވާލައްވާ ބަޔާނަކަށް ވާންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބާއްވާ މި ޖަލްސާގައި، ސަރުކާރުގެ އިސްވެރިންނާއި، އުއްތަމަ ފަނޑިޔާރާއި، ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވަފައި ތިއްބާ ސަފީރުންނާއި، އެހެނިހެން އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިޔާ މަޖިލިސް ކުރާ ގެއަށް ވަޑަައިގަތުމުން މަރުހަބާ ދަންނަވާނީ، މަޖިލީހުގެ ރައީސްވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް ރިޔާސީ ކުރުނީހެއް ވެސް އަރުވާނެއެވެ.

އާންމު ގޮތެއްގައި ފަހަކަށްއައިސް ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައެވެ. އެގޮތުން މާދަމާ ރިޔާސީ ބަޔާން އިއްވަވާއިރު، މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *