ޚަބަރު
މާދަމާ ސަރުކާރު ބަންދު ނަމަވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ. މާދަމާ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމް ރިޔާސީ ބަޔާން އިއްވަވާ ދުވަހަށްވާތީއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މާލެ ސަރަހައްދުގައި ޤާއިމްކުރެވިފައިވާ އިމިގްރޭޝަން އޮފީސްތަކުން މާދަމާ ޕާސްޕޯޓް ޚިދުމަތް ދޭނެއެވެ. އިމިގްރޭޝަންގެ ޕޯޓަލް “އިމުގާ” މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ޕާސްޕޯޓަށް އެދެވޭނެއެވެ.

އިމަޖެންސީ ހާލަތްތަކުގައި އަދި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް މާދަމާ ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށް އިމިގްރޭޝަނުގެ އޮފީސްތަކަށް ގޮސް އޮންލައިންކޮށް ޕާސްޕޯޓަށް އެދެވޭނެއެވެ. އަދި މާދަމާ ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ. މި ގަޑިތަކުގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރެވޭނެއެވެ.

އާންމުކޮށް ސަރުކާރު ބަންދު ދުވަސްތަކުގައި އިމިގްރޭޝަނުން އަބަދުވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސައެވެ. މީގެ އިތުރުން ހޮނިހިރު ދުވަސްތަކުގައިވެސް މާލެ އާއި އައްޑޫއިން ޕާސްޕޯޓު ލިބޭނެ އިންތިޒާމު އިމިގްރޭޝަނުން މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބިދިނުމަށް އިމިގްރޭޝަނުން ދެމުންގެންދާ އިސްކަމެއްކަން ފާހަގަކުރެވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *