ޚަބަރު
ޗައިނާއަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް މަޝްވަރާކޮށްފި

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގައި ޗައިނާއަށް ކަނޑު މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި މިފްކޯއާއި، އެމްއެސްއެސްއާއި، މޯލްޑިވިއަން، އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާ އެކުގައެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި މި ބައްދަލުވުމުގެ މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާއަށް އެކްސްޕޯޓް ކުރުމުގެ ފުރުޞަތުތައް އިތުރުކުރުމެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާއަށް ފެށިފައިވާއިރު، މި ދަތުރުތަކުގައި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރެވުމުގެ ސަބަބުން ރާއްޖެއިން ބޭރުކުރާ މުދަލުން ދައުލަތަށް ލިބޭ މަންފާ އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީގެ ކޮންމެ ދަތުރެއްގައިވެސް އެއަރ ކާގޯ ގޮތުގައި 10 ޓަނުގެ މުދާ އުފުލޭނެކަމަށް މޯލްޑިވިއަނުން ހާމަކޮށްފައިވެއެވެ. މި ދަތުރުތަކަކީ ރާއްޖޭގެ ވިޔަފާރިތަކަށްވެސް އިތުރު މަންފާތަކެއް ކުރާނެ ދަތުރުތަކެއް ކަމަށް މޯލްޑިވިއަނުން ވިދާޅުވެފައިވެއެވެ. މުދާ އުފުލަން ފެށުމާއެކު ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ރާއްޖެއަށް މުދާ އެތެރެކުރުމަށާއި، ރާއްޖޭގެ މުދާ ޗައިނާ މާކެޓަށް ގެންދިއުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.

މިހާރު މޯލްޑިވިއަނުން ޗައިނާގެ 3 މަންޒިލަކަށް ސީދާ ދަތުރުތައް ކުރަމުންދާއިރު، އިތުރު ބޯޓެއް މިއަހަރުގެ އޮކްޓޫބަރުމަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ. އަދި ދަތުރުތައް އެހެން މަންޒިލްތަކަށްވެސް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަންއިން ވިދާޅުވެފައިވެއެވެ.

މި އައު ފުރުޞަތުތަކާއެކު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އައު ހިތްވަރެއް ލިބި، އެކްސްޕޯޓް މާކެޓް ފުޅާވެގެންދާނެކަމަށް އުއްމީދު ކުރެވެއެވެ

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *