ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ތަޙުނިޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބެލްޖިއަމްގެ އައު ބޮޑުވަޒީރު ހިޒް އެކްސެލަންސީ ބާރޓް ޑެ ވޭވަރއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މިއީ ބެލްޖިއަމްގެ އައު ބޮޑުވަޒީރު އެ މަޤާމުގެ ހުވައި ކުރެއްވުމާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، އައު ބޮޑުވަޒީރަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެންފައިވެއެވެ. އަދި ބެލްޖިއަމްގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަޤީންކަން އޮތް ކަމުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ދިވެހިރާއްޖެއާއި ބެލްޖިއަމާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވާފައިވެއެވެ. ދެ ޤައުމުގެ މެދުގައި އޮތް ބައި ޤަރުނެއްހާ ދުވަސްވީ އެކުވެރި ގުޅުމަކީ، ދެފަރާތުގެ މެދުގައި އޮތް އިޙްތިރާމާއި ހެޔޮ އެދުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައި ސިފަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ, ދެ ޤައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދޭދޭ މަސްލަޙަތު ހިމެނޭ ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ދެއްވާފައިވާ ކަމަށެވެ.

މި ތަހުނިޔާގެ ސިޓީފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ރަޙުމަތްތެރިކަމާއި އެކުވެރިކަން އާލާކޮށް، ކުރިމަގުގައި އިތުރަށް ފުޅާކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި ބެލެވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *