ޚަބަރު
ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް: މެޑަމް ސާޖިދާ
ހެޕިނަސް އިންޑެކްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ބޭއްވުނު “ހެޕިނަސް އިންޑެކްސް” ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން އިސްނަގައިގެން ދިވެހިންގެ އުފާވެރިކަން މިންކުރުމަށް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ “ހެޕިނަސް އިންޑެކްސް” ތަޢާރަފުކުރުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތެކެވެ.

އެކަމަނާގެ ވާހަކަފުޅުގައި، އަތްމަތި ތިޔާގިކަމާއި، ދުޅަހެޔޮކަމާއި، ނަފުސާނީ ފުދުންތެރިކަމުގެ އިތުރުން، ރޫޙާނީ ވެށި ނުވަތަ އީމާންތެރިކަން ހަރުދަނާ ކުރުމަށް އަބަދުވެސް ވިސްނަން ޖެހޭ ކަމަށް އިޝާރާތްކުރެއްވިއެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގެ އިރުޝާދުތަކަށް ރިޢާޔަތްކުރައްވައި، އިންސާނާގެ ހިތަށް ޙަޤީޤީ ހަމަޖެހުމަކާއި އުފާވެރިކަމެއް ލިއްބައިދެނީ ހަމައެކަނި މާތް ﷲ ހަނދުމަކުރުމުންކަމާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމުން ކަމުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހިރާއްޖޭގެ “ހެޕިނަސް އިންޑެކްސް” ލޯގޯ އިފްތިތާޙުކޮށްދެއްވާފައެވެ. މީގެ އިތުރުން، މުޖުތަމަޢުގެ އެކި ދާއިރާތަކުގެ މެންބަރުން އުފާވެރިކަން މާނަކުރާ ގޮތް ހިއްސާކުރުމުގެ ސެޝަނެއްވެސް ބޭއްވުނެވެ.

މި މަޝްރޫޢުގެ ރިސަރޗް ޕަރޓްނަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އެވެ. މިއީ ދިވެހިންގެ އުފާވެރިކަން މިންކުރުމަށް ރަސްމީ ސިފައެއްގައި އޮނިގަނޑެއް އެކުލަވާލައި، ފުރަތަމަ ފަހަރަށް ދިވެހި ޤައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގެ މަޝްރޫޢެއް ހިންގަވަން ފެއްޓެވި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މަޝްރޫޢު ފެއްޓެވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ކޮންމެ ރަށެއްގެ ހާލަތު ރަނގަޅަށް ދެނެގަތުމަކީ މުހިންމު ކަމެއްކަމުގައި ދެކެވަޑައިގެންނެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގެންފައިވާ “ބެސްޓް ޕްރެކްޓިސް” މިންގަނޑުތަކަށްވެސް ރިޢާޔަތްކުރައްވައިގެންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، “ކޮންމެ އިންސާނަކާއެކުގައި ވެސް އުފާވެރިކަން ވާ ކަމަށާއި، އެ މީހަކަށް ހިތާމައެއް މެދުވެރިވިކަމުގައި ވީ ނަމަވެސް، އަލުން އުފާވެރި ހާލަތަށް ރުޖޫޢަވެވޭކަމާއި، އެއީ ޤުދުރަތުން އެކަން ލައްވާފައިވާ ގޮތް” ކަމުގައެވެ.

އަދި އެކަމަނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، “ރޫޙާނީ މުއްސަނދިކަމަށް ބަލާ ނަމަ، އިންސާނާއާ އޭނާ ހެއްދެވި ފަރާތާ ދެމެދު މަތިވެރި ގުޅުމެއް، އަދި އިންސާނާގެ އަޚްލާޤުގައި ކިޔަމަންތެރި އުޅުމެއް ހަރުލައިފައި ހުންނަން ޖެހޭ” ކަމުގައެވެ.

މި ރަސްމިއްޔާތުގައި، “ހެޕިނަސް އިންޑެކްސް”އަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ލަވައެއްވެސް ތަޢާރަފުކުރެވުނެވެ. އަދި އިސްރަށްވެހިންނާއި، ދަރިވަރުންނާއި، ކަނބަލުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުން އުފާވެރިކަން މާނަކުރާ ގޮތް ހިއްސާކުރުމުގެ ޚާއްޞަ ސެޝަނެއްވެސް ބޭއްވުނެވެ.

މި “ހެޕިނަސް އިންޑެކްސް” އަކީ ދިވެހި ރައްޔިތުންގެ އުފާވެރިކަމާއި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރުމަށް ބޭނުންކުރެވޭނެ މުހިންމު ވަސީލަތެއް ކަމަށް ބެލެވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *