ދިވެހިރާއްޖޭގެ ސިވިލް ރަޖިސްޓްރޭޝަން، ވައިޓަލްސް ސްޓެޓިސްޓިކްސް އަދި އައިޑެންޓިފިކޭޝަން (ސީ އާރް ވީ އެސް އައިޑީ) މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރުމުގެ މަސައްކަތް ކޮންޓްރޯލް ޑޭޓާ ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތަކީ ވޯލްޑްބޭންކްގެ ހިލޭ އެހީގެ ދަށުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހިންގަމުންދާ “ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް”ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑރ. މުޙައްމަދު ކިނާނަތެވެ. އަދި ކޮންޓްރޯލް ޑޭޓާ (ތައިލެންޑް) ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަ މިސްޓަރ ނާރޓް ލިއުޗަރެއޮންއެވެ.
މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީ ފޯރުކޮށްދެވޭނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ފައުންޑޭޝަނަލް އައިޑެންޓިޓީ ސިސްޓަމް ހަރުދަނާކުރުމަށެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ޑީމެޑް ޕްރޮޖެކްޓްގެ 2 ވަނަ ކޮމްޕޯނަންޓްގެ ދަށުންނެވެ.
މި ނިޒާމު ޤާއިމްކުރެވުމުން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއިން ބަލަހައްޓާ އީފާސް ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ހިންގުމާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އަދި ކައުންސިލްތަކުން ކުރަމުންގެންދާ އާބާދީ ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ސިއްޚަތާބެހޭ ވުޒާރާ އަދި މޯލްޑިވްސް ސްޓެޓިސްޓިކަލް ބިއުރޯއަށް ބޭނުންވާ ތަފާސް ހިސާބުތައް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން، ސައްޚަކަމާއި، ރައްކާތެރިކަމާއި އަދި ރިއަލްޓައިމްކޮށް އެކަށީގެންވާ ގޮތެއްގައި ލިބުމަށް މަގުފަހިވެގެންދާނެއެވެ.