މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 946 މިލިއަން ރުފިޔާ ލިބިފައިވާކަމަށް، ދިރާގުގެ ވަގުތީ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ދިރާގުން އާންމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން 2.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް މިދިޔަ އަހަރު ލިބިފައިވެއެވެ. މި އާމްދަނީގެ ދެބައިކުޅަ އެއްބަޔަކީ މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީއެވެ. އެއީ 1.5 ބިލިއަން ރުފިޔާއެވެ. އެނޫން ޚިދުމަތްތަކުން ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާއެެވެ.
ޓެކުހަށް ދައްކަން ޖެހޭ މިންވަރު އުނިކުރުމުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ދިރާގަށް މިދިޔަ އަހަރު ލިބިފައިވާއިރު، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 896 މިލިއަން ރުފިޔާއެވެ.
ދިވެހި ސަރުކާރުގެ 41.8 އިންސައްތަ ހިއްސާވާ ދިރާގުން ޓެކުހުގެ ގޮތުގައި 156 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެއެވެ. އެއީ ކުންފުނީގެ ފައިދާގެ ނިސްބަތުގެ 14 އިންސައްތަ އެވެ.
މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން ނުވަ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފައިވާއިރު، މިހާރު އެ ކުންފުނިން ހިދުމަތް ހޯދަމުންއަންނަ ކަސްޓަމަރުންގެ އަދަދުވަނީ ބައި މިލިއަނަށްވުރެ އިތުރުވެފައެވެ.
އެ ކުންފުނީގެ އަމާޒަކީ މިހާރަށް ވުރެ ފުރިހަމަ ގުޅުމެއް ގާއިމުކުރުމަށް މުވާސަލާތީ ރޮނގުންނާއި އިޖުތިމާއީ ގޮތުން ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުމެވެ.