ޚަބަރު
ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ވަޒީރު ޑރ. މާރިޔާ ރިސޯޓުތަކަށް

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި އެ ވުޒާރާގެ ޓީމެއް ވަނީ ދަ ކްރޮސްރޯޑްސް މޯލްޑިވްސްއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.

މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރިސޯޓުތަކާއި ދަނޑުވެރިކަމާބެހޭ ވުޒާރާއާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތައް ދެނެގަތުމެވެ. މި ދަތުރުގައި ވަޒީރު ވަނީ އެ ރިސޯޓަށް ބޭނުންވާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެރަށުގެ ދަނޑުތަކުގައި ހައްދާ ގޮތްތަކުގެ މައުލޫމާތު އޮޅުންފިލުވާފައެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ރިސޯޓުން ދެމެހެއްޓެނިވިގޮތެއްގައި ކަންކަން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި، ކާނާ އުފެއްދުމުގައި ގެންގުޅޭ އައު ގޮތްތަކުގެ ތަރުތީބުކަން މި ދަތުރުން ފާހަގަކުރެވުނު ކަމަށެވެ. އަދި ރާއްޖޭގެ ދަނޑުވެރިކަމަށް އެހީތެރިވުމުގައި ރިސޯޓުތަކަށް އަދާކުރެވިދާނެ މުހިންމު ދައުރު ފާހަގަކުރެވުނެވެ.

މި ގޮތްތައް ދެނެގަތުމުގެ މަޤްޞަދަކީ ރާއްޖޭގައި އުފައްދާ ކާނާ އިތުރުކޮށް، ދެމެހެއްޓެނިވި ގޮތްތައް ކުރިއަރުވައި، ބޭރުން އެތެރެކުރާ ތަކެއްޗަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ. މި އެއްބާރުލުމުގެ ސަބަބުން ފަތުރުވެރިކަމުގެ ޞިނާޢަތަށާއި މުޅި މުޖުތަމަޢަށް ފައިދާކުރާނެ، އަދި ދެމެހެއްޓެނިވި ކާނާގެ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *