އިންޑިއާ ސަރުކާރުން 2025-2026 އަށް އެކުލަވާލާފައިވާ ބަޖެޓުގައި ދިވެހިރާއްޖެއަށް 69 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ހިމަނާފައިވާ ކަމަށް އެ ގައުމުގެ މަޖިލީހުގައި ހިނގަމުންދާ ބަޖެޓު ބަހުސްތަކުން ހާމަވެއްޖެއެވެ.
އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް ދޭން ކަނޑައަޅާފައިވަނީ 600 ކްރޯޑު އިންޑިއާ ރުޕީސް ކަމަށާއި، މިއީ 69.3 މިލިއަން އެމެރިކާ ޑޮލަރާ އެއްވަރުގެ އަދަދެއް ކަމަށް ވެއެވެ. މި އަދަދަކީ ނިމިގެންދިޔަ މާލީ އަހަރު ރާއްޖެއަށް ދިނުމަށް ނިންމި 54.2 މިލިއަން ޑޮލަރަށްވުރެ 15 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
އިންޑިއާގެ ބަޖެޓުގައި އެންމެ ގިނަ ހިލޭ އެހީ ދޭ ގައުމަކީ ބޫޓާން ކަމަށާއި، ދެވަނައަށް އެންމެ ގިނަ ހިލޭ އެހީ ދޭ ގައުމަކީ ނޭޕާލް ކަމަށް ވެއެވެ. ރާއްޖެއަކީ އިންޑިއާއިން އެންމެ ގިނައިން ހިލޭ އެހީ ދޭ ތިންވަނަ ގައުމެވެ.
އިންޑިއާއިން ރާއްޖެއަށް މި ބޮޑު އަދަދުގެ ހިލޭ އެހީ ދޭން ނިންމާފައިވާއިރު، އެ ގައުމުން ދަނީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ތިލަމާލެ ބްރިޖު މަޝްރޫއު އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު ހިމެނެއެވެ. ތިލަމާލެ ބްރިޖަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ.
ފާއިތުވި އަހަރުތަކުގައި ދެ ގައުމުގެ ގުޅުމަށް އައި ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ މާލީ ހާލަތު ދަށްވުމާއެކު، އިންޑިއާއާއެކު އަލުން ގުޅުން ބަދަހިކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާއިން ވަނީ ރާއްޖެއިން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެއް ރޯލްއޯވާ ކޮށްދީފައެވެ. އަދި 800 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ވެސް ރާއްޖެއަށް ހަމަޖައްސައިދީފައިވެއެވެ.
އިންޑިއާގެ މާލީ އަހަރު ފެށެނީ ކޮންމެ އަހަރެއްގެ އޭޕްރިލް މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ. އެހެންކަމުން، މި ހިލޭ އެހީ ލިބޭނީ 2025 ގެ އޭޕްރިލް މަހުން ފެށިގެންނެވެ.