ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ކުންފުނީގެ ޖުމްލަ އާމްދަނީ ހަތް އިންސައްތަ އިތުރުވެފައިވެއެވެ. މިގޮތުން، އެ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހަތަރުވަނަ ކުއާޓަރުގައި އާމްދަނީ އިތުރުވެފައިވަނީ ވިޔަފާރި ރަނގަޅުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ޖުމްލަ ފައިދާ 8 އިންސައްތަ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި 637 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެހެންނަމަވެސް، 2024 ވަނަ އަހަރުގެ މުޅި އަހަރުގެ ޖުމްލަ އާމްދަނީއަށް ބަލާއިރު، 15 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެކެވެ. އެސްޓީއޯއިން ބުނެފައިވާ ގޮތުގައި، މި ދަށްވުން އައިސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ކުންފުނިން ވިއްކި ތެލުގެ އަގު ދަށްކުރަން ޖެހުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 218 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.
2024 ވަނަ އަހަރަށް ބަލާއިރު، އެސްޓީއޯއަށް ފައިދާގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީގެ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، ކުންފުނީގެ ހިންގުމުގެ ޚަރަދު 8 އިންސައްތަ ދަށްކުރެވިފައިވާކަމަށް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯއަށް ލިބުނު ސާފު ފައިދާއަކީ 812 މިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 19 އިންސައްތައިގެ ދަށްވުމެކެވެ. އަދި ސާފު ފައިދާގެ ގޮތުގައި 717 މިލިއަން ރުފިޔާ ލިބިފައިވެއެވެ.