އިދިކޮޅު އެމްޑީޕީގެ ފަރާތުން މާލެގައި އިންތިޒާމު ކުރި ހިނގާލުން ފެށުމާއި އެކު ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ އެޕާޓީގެ ލީޑާޝިޕަށް ރައްދުވެއްޖެއެވެ.
މިއެއްވުމުގެ ފޮޓޯތަކަށް ކޮމެންޓްކޮށް ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ދަނީ ފުނޑުނީ އެމްޑީޕީކަން ހާމަވެއްޖެކަމަށް ބުނަމުންނެވެ. އެގޮތުން މުޅިރާއްޖެ އަތްފުނާ އަޅައިގެން ގިނަ ބަޔަކު ލޯންޗް ފަހަރުގައި އަތޮޅުތެރެއިން މާލެ ގެނެސް އެއްކުރެވުނީ މަދު ބައެއްކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން އެމްޑީޕީގެ ފަރާތުން މި ހިނގާލުން ޕްރޮމޯޓްކުރުމަށް ހަރަކާތްތަކެއް ހިންގައިފައިވާއިރު، އެޕާޓީން އެންމެ ފުރަތަމަ މި ހިނގާލުން ފެށުމަށް ހަމަޖެއްސީ މިއަދު ހަވީރުއެވެ. އެހެން ނަމަވެސް ކުއްލި ގޮތަކަށް ހަރަކާތް އޮންނާނީ ރޭގަނޑު ކަމަށް އެޕާޓީން ވަނީ އިއުލާންކޮށްފައެވެ.
އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންގެ ތެރެއިން ވެސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިނުގަންނަވާ މި ހިނގާލުން ކުރިއަށް ގެންދަނީ ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެއެވެ. އެހެން ނަމަވެސް މި ހިނގާލުމުގައި މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސްތިއުފާ އަށް ކަން ފާހަގަކޮށްލެވެއެވެ.
‘ފުދިއްޖެ ފުނޑިއްޖެ’ މި ނަމުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ އިސްސަފުގައި ތިބި ބޭފުޅުންނަށް ބަލާއިރު ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަކީ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމާއި ހަވާލުވެވަޑައިގަތްފަހުން ކުރެއްވި ދަތުރުފުޅުތަކުގައި އެކި ގައުމުތަކުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ތަކެއްޗާއި ގުޅޭގޮތުން ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތެކެވެ. އަދި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބަލަމުންދާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ކުރެވޭކަން ފާހަގަކޮށްލެވެއެވެ. ދެން އެމްޑީޕީގެ އެއްވުމުގެ އިސްސަފުގައި ތިބި ބޭފުޅުންގެ ތެރޭގައިގެވެށި އަނިޔާގެ މައްސަލަ އެއްގެ ތުހުމަތު ކުރެވުނު ކުރީގެ މެންބަރު އަހުމަދު އީސަ ވެސް ހިމެނެއެވެ.
ގިނަ ފަރާތްތަކުން ދެކޭގޮތުގައި އެމްޑީޕީން ބާއްވާ އެއްވުމުގެ ބޭނުމަކީ އެޕާޓީގެ ލީޑާޝިޕަށް ކުރެވޭ ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅޭ މައްސަލަތައް ބެލުން ހުއްޓުވުމަށް ސަރުކާރަށް ޕްރެޝަރުކުރުމެވެ.