އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގައި ހިނގި ހިތާމަވެރި ބޯޓު އެކްސިޑެންޓާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
މި ހާދިސާގައި އެމެރިކަން އެއަރލައިންސްގެ ބޯޓެއް އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއްގައި ޖެހި ވެއްޓުނެވެ.
ރައީސް މުއިއްޒު ވަނީ ބޯޓާއި ހެލިކޮޕްޓަރުން ދަތުރުކުރި ފަޅުވެރިންނާއި ފަސިންޖަރުންގެ އާއިލާތަކަށް ވެސް ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައެވެ. އަދި މި ހިތާމަވެރި ވަގުތުގައި ހުރިހާ ދިވެހިން ތިބީ އެމެރިކާގެ ރައްޔިތުންނާ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ހާދިސާ ހިނގީ ރޭގަން ވޮޝިންގްޓަން ނޭޝަނަލް އެއަރޕޯޓުގައި ޖައްސަން ތިރިކުރަމުންދިޔަ ވަގުތު، 64 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއްގައި އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކް ހެލިކޮޕްޓަރެއް ޖެހުމުންނެވެ. ހެލިކޮޕްޓަރުގައި ތިބީ ތިން ސިފައިންނެވެ. އެ ހެލިކޮޕްޓަރު ނައްޓާލީ ވާޖިނިއާގައި ހުންނަ ފޯޓު ބެލްވޯ އަސްކަރީ މަރުކަޒުންނެވެ.
ބޯޓާއި ހެލިކޮޕްޓަރުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާއިރު، ގިނަ ބައެއްގެ ހަށިގަނޑު ކޯރުން ވަނީ ނަގާފައެވެ. ނަމަވެސް އަދިވެސް 14 މީހެއްގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ.