ޚަބަރު
މާލޭގައި ސިނގިރޭޓު އުފައްދާ ގެއަށް ފުލުހުން ރޭޑު ޖަހައިފި
މާލޭގައި ވަގަށް ސިނގިރޭޓު އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ގެއަކަށް ކޯޓު އަމުރަކާއެކު ފުލުހުން މިރޭ ރޭޑު ޖަހައިފި އެވެ. ފުލުހުން ވަދެފައިވަނީ ހ. ހުޅުގަލީގައި ހުންނަ އެޕާޓްމަންޓަކަށެވެ.
އެނގިފައިވާ ގޮތުގައި މި ގޭގައި ސިނގިރޭޓު އުފައްދަމުން ގެންދަނީ މާލެއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އާއިލާއިންނެވެ. މި ގޭގައި އުފައްދާ ސިނގިރޭޓަށް ކިޔަނީ “އެޗްޑީ” އެވެ.
އޮންލައިން ނޫސް ‘އަދަދު’ގެ ރިޕޯޓަރުންނާއި ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި  ފުލުހުން ދަނީ ފޮށިގަނޑުތަކަކަށް އަރުވައިގެން ބައެއް ސާމާނު އެ ގެއިން ނެރެފައެވެ.
މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަން ކަށަވަރުކުރެވިފައެއް ނުވެއެވެ. އަދި ފުލުހުންގެ ފަރާތުން މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ސިނގިރޭޓުގެ އަގު 240 ރުފިޔާއަށް އަރާފައިވާއިރު، “އެޗްޑީ” އަދި “ނިއު ލެޖެންޑް” ފަދަ ވަގަށް އުފައްދާ ސިނގިރޭޓު ވިއްކަމުންދަނީ 100 ރުފިޔާއަށް ވުރެ ދަށް އަގުތަކުގައެވެ. ރާއްޖޭގައި އަލަށް އަމަލުކުރަންފެށި ދުންފަތް ކޮންޓްރޯލް  ކުރުމާ ގުޅޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަކީ މަނާ ކަމެކެވެ. ނަމަވެސް، މި ގާނޫނާ ޚިލާފަށް އުފައްދާ ސިނގިރޭޓު މާލޭގެ ފިހާރަތަކުގެ ހަރުގަނޑުތަކުގައި ވިއްކަން ބަހައްޓާފައި ހުންނަކަން ފާހަގަކުރެވެއެވެ.
0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *