ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، މާރަންދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ، މާރަންދޫގެ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ، އަދި މުވައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު މާރަންދޫ ފެނަކަ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މާރަންދޫ ކައުންސިލުން ވަނީ، ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާކަމާއި ބަނދަރު އެކްސްޓެންޝަން މަޝްރޫޢުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން، ރަށުގެ ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި ރަށުގެ ކަރަންޓުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒު ލެވެލް ދޭއްގެ ފެސިލިޓީއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ ބޮޑު މިސްކިތުގައި ސޯލާ ޕެނަލް ޖެހުމަށް އެހީތެރިވެދިނުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާރަންދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްޞާކުރައްވާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *