އާބާދީގެ ނިސްބަތަށް ބަލައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރަން، މި އަހަރު ނިމެންވާއިރަށް މަރުކަޒުތައް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވެވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކުނި މެނޭޖްކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރައްވާނެ ކަމެއް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް އަޅާނީ ފުރިހަމަ ވަސީލަތްތަކާއިއެކު ކަމަށެވެ. އެގޮތުން، އިކުއިޕްމަންޓާއި މެޝިނަރީޒް އަދި އިންފްރާސްޓްރަކްޗަރ އެ މަރުކަޒުތަކުގައި ތަރައްޤީކޮށް ވަޒީފާތައް އުފައްދަވާނެ ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އިހަވަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ މިހާރު ޙަވާލުކޮށްފައިވާކަމަށާއި، އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން، ފިނޭންސް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ވެމްކޯއާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދަވާކަމަށާއި، މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ލަސްތަކެއް ނުވެ، އެ ޚިދުމަތް ދެވޭނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު އެ އަތޮޅުގެ 10 ރަށަކަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވާފައިވެއެވެ. އެގޮތުން މިއަދު ހަވީރު ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީގެ ހަ މަޝްރޫޢުއެއް ރައީސް ޑރ. މުޢިއްޒު ވަނީ ފައްޓަވައިދެއްވާފައެވެ. އަދި، ވަޑައިގަންނަވާ ކޮންމެ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކޮށް ރަށްރަށުގެ ތަރައްޤީއާ ގުޅޭގޮތުން ރައީސް ޑރ. މުޢިއްޒު އަންނަނީ މަޝްވަރާކުރައްވަމުންނެވެ.