ރާއްޖޭގެ މާލީ ހާލަތު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ދަތުރު ކުރައްވާތީ އަމާޒުވާ ފާޑުކިޔުމަށް އެމަނިކުފާނު މިއަދު ރައްދުދެއްވައިފި އެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ އަތޮޅު މާރަންދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށަށް ވަޑައިގެން ޖަލްސާތައްބާއްވާ އިދާރާތަކާ ބައްދަލުކުރަނީ ކަންކަން ހައްލުކުރުމުގެ ނިޔަތުގައި ކަމަށެވެ.
“ކަމާ ގުޅޭ ވަޒީރުންނާ އެކީގަ ރަށްރަށަށް މިދަނީ ސީރިއަސް މަސައްކަތްތަކެއް ކުރަން. މިކަމަށް ވެސް ބައެއް މީހުން އެބަ ފާޑުކިޔާ ބޭކާރު ހަރަދެއް ކުރަނީއޭ. ހަރަދުބޭކާރުވާނީ ހަގީގަތުގަ ލަސްވެގެން ގޮސް ގެއްލިގެންދާ ދުވަސްތަކުން އެ ލިބޭ ގެއްލުން މާ ބޭކާރު،” ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަށްރަށަށް ދަތުރު ކުރާއިރު އިތުރު ބަޔަކާ ނުލައި އެމަނިކުފާނަށް އެކަނި ވެސް ވަޑައިގެންނެވިދާނެ ކަމަށެވެ. ނަމަވެސް، ވަޒީރުންނާއި ކަމާގުޅޭ އެހެން އޮފިޝަލުން ދަތުރުގައި ބައިވެރި ކުރުވަނީ ސީރިއަސް މަސައްކަތްތަކެއް ހިންގެވުމުގެ ނިޔަތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
މާލޭގައި ހުންނަ އޮފީސްތަކުގައި އަރާމުގައި ތިބުމުގެ ބަދަލުގައި އެމަނިކުފާނު ބޭނުންވަނީ ވަޒީރުން ގޮވައިގެން ރަށްރަށަށް ގޮސް، މައްސަލަތައް ސާފުކޮށް، ހައްލުތައްހޯދައިދެއްވުމަށް ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.