ޚަބަރު
ޤައުމީ ފެންވަރުގައި އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި !
ފޮޓޯ : ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިހާތަނަށް ސަރުކާރުތަކުން ސަމާލުކަން ދެއްވާފައި ނުވާ މިންވަރަށް ސަމާލުކަން ދެއްވައިގެން މި އަހަރާއި އަންނަ އަހަރު، ޤައުމީ ފެންވަރެއްގައި ޤައުމީ ދުވަސް، ފާހަގަކުރައްވާނީ ހއ. އުތީމުގައިކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ފަދައިން އިޢުލާންކުރެއްވީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުތީމަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
މިއީ އުތީމު މަހާރަދުންގެ އުފަން ރަށް ކަމަށާއި، އުތީމު ގަނޑުވަރާއި އެހެން ހަދާންތައް މިއަދުވެސް ފެންނަން ހުރިއިރު، އެ ފަދަ ތަންތަން ބެލެހެއްޓުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ދިވެހި ޤައުމިއްޔަތުގެ އައިޑެންޓިޓީ ޙިމާޔަތްކުރުމަށްޓަކައި މިއީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކަމަށް ބޭނުންވާ އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، ޤައުމީ ވިސްނުންފުޅެއްގައި، ހުރިހާ ރައްޔިތުންގެ ޙައްޤުގައި، ކޮށްދެއްވާ ކަމެއްގެ ގޮތުގައި، ކޮށްދެއްވަންޖެހޭ ކޮންމެކަމެއްވެސް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
ހއ. އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރައްވަން ގަސްތުކުރައްވަނީ 2 އަހަރުގެ މަޝްރޫޢެއްގެ ގޮތުގައިކަން ސިފަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމުގެ ނަތީޖާއަކަށް ވާނީ، ފިކުރީ ގޮތެއްގައި ޤައުމީ ވިސްނުމުގެ ފިކުރު ފެތުރުމުގައި، ހއ. އުތީމަށް އަދާކުރެވޭނެ ދައުރަށް ފަހި މަގެއް ކޮށިގެން ދިއުން ކަމަށެވެ. ހއ. އުތީމަކީ، ދިވެހި ޤައުމިއްޔަތު އިޔާދަކޮށް، ކުރިއަށް އަންނާން އޮތް ޖީލުތަކަށް އެކަން ފޯރުކޮށްދިނުމުގައި، އަދުގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ، އަދި ކުރަންޖެހޭ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަށުގެ ކޮންމެ ވެލިފުކަކުން ބުނެދޭ ބުނެދިނުމަކީ، ކޮންމެ ރައްޔިތެއްގެ ހިތުން ކިޔާ ނިދާއަކީ، އަދި ކޮންމެ ރައްޔިތެއްގެ ލޮލުން އެ ބުނެދޭ ވާހަކައަކީ ޤައުމީ ތަރިކައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ.
އެހެންކަމުން، ސަރުކާރުގެ ތަރައްޤީގެ ދުވެލީގައި މުހިންމު ދައުރެއް، ވަރަށް ފުރިހަމަ ގޮތެއްގައި ހއ. އުތީމުގައި އަދާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ޢުމްރާނީ ތަރައްޤީގެ ރޮނގުންވެސް ގިނަ މަޝްރޫޢުތަކެއް ހއ. އުތީމުގައި ހިންގަންޖެހިފައި އެބަހުރިކަން ފާހަގަކުރައްވައި، އެކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ އެހެން ރަށްތަކާ ތަފާތު ކުރުން ނޫން ކަމަށާއި، މިއީ މުޅި ރާއްޖޭގެ ޙައްޤުގައި ކުރައްވަންޖެހޭ ކަމެއް ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަހަމަކަމާއި ޢަދުލުވެރިކަމުގެ ގޮތުން ބަލާއިރުވެސް، ކަން އޮންނަންޖެހޭ ގޮތަކީ މިއީ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަފައި ވަނީ، ހއ. އުތީމުގެ ތަރައްޤީއަށްޓަކައި މަސައްކަތްޕުޅުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، މި އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް އުތީމަށް އެނބުރިވަޑައިގެންނެވުމަށް އުންމީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.
0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *