ޚަބަރު
މާލެ ސަރަހައްދުގައި މާސްކު އެޅުމަށް އިރުޝާދު ދީފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަށް ތަޣައްޔަރުވެފައިވާތީ، މާސްކު އެޅުމަށް އިރުޝާދު ދީފިއެވެ.

ވިލިމާލޭގައި ހުންނަ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއަރ ކޮލިޓީ މޮނިޓަރިންގ ސިސްޓަމުން ދައްކާ ގޮތުގައި، މި ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 156 ގައެވެ. މިއީ ސިއްޙަތަށް ވަރަށް ނުރައްކާތެރި މިންވަރެކެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މާލެ ސަރަހައްދުގެ ވައި މިހާ ނުސާފުކޮށް ހުންނަތާ މިހާރު ދެތިން ދުވަސް ވެއްޖެއެވެ. މި ހާލަތުގައި، ރައްޔިތުންނަށް ގެއިން ބޭރަށް ނުކުތުން މަދުކުރުމަށާއި، ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ ނަމަ މާސްކު އެޅުމަށް އިރުޝާދު ދީފައިވެއެވެ. އަދި ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.

އެހެން އަތޮޅުތަކުގެ ހާލަތަށް ބަލާއިރު، ށ. ފުނަދޫ ކައުންސިލްގައި ހުރި އެއަރ ކޮލިޓީ މޮނިޓަރިންގ ސިސްޓަމުން ދައްކާ ގޮތުން އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 76 ގައެވެ. އަދި ލ. ގަމު ކައުންސިލްގައި ހުރި ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 82 ގައެވެ. މިއީވެސް ސިއްޙަތަށް ނުރައްކާވާ މިންވަރެކެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، މި މިންވަރުގައި ވައި ތަޣައްޔަރުވެފައި ހުންނަ ނަމަ، ހައި ރިސްކް ގިންތީގައި ހިމެނޭ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. އަދި މިފަދަ ފަރާތްތަކުން ބޭރަށް ދާއިރު މާސްކު އެޅުމަށް އިރުޝާދު ދީފައިވެއެވެ.

މި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައެވެ. މި ހާލަތާ ގުޅިގެން އެޗްޕީއޭއިން ވަނީ ރައްޔިތުންނަށް އަންގާ އިރުޝާދުތަކަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *