އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށާއި، ރ. ވާދޫގައި މިހާރު ކުރިއަށްދާ ސޯލާ ޕްރޮޖެކްޓް ނިމޭއިރު މުޅި ރަށުގެ ކަރަންޓުގެ މައްސަލައަށް ޖުމްލަގޮތެއްގައި ފުރިހަމަ ޙައްލެއް ލިބިގެންދިއުމަށް ބޭނުންވާކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެ މަނިކުފާނު ރ. އަތޮޅަށް ފެއްޓެވި، ދަތުރުފުޅުގެ ތެރެއިން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ރަށުގެ މުޞްތަޤްބަލަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ކުރިއަށްދާ ގޮތް ޙިއްޞާކުރައްވައި އެމަސައްކަތް ފުރިހަމަ ކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާ ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވާ އެ މަނިކުފާނު ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލްތަކުން އިސްނަގައިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމަކީ ވަރަށްބޮޑަށް ބަލައިގަންނަކަމެއްކަމަށާއި، ވާދޫ ކައުސިލުން ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ އެގޮތުގައި މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ.
ރ ވާދޫ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ އެބޭފުޅުން ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތައް ތަފްޞީލުކޮށް ވިދާޅުވެދެއްވާފައެވެ. މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށާއި، ރަށުގެ ޞިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތަކާއި، ރަށުގެ ޒުވާނުންނަށް ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ޙިއްޞާކުރެއްވިއެވެ. އަދި، ރަށަށް އަރައި ފޭބުމުގައި ހުރި ދަތިކަން ފާހަގަކުރައްވައި ބަނދަރުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ވާދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.