ޚަބަރު
އެމެރިކާގެ އައު ރައީސް، ޓްރަމްޕްގެ ސަރުކާރާއެކު ބައިނަލްއަޤުވާމީ މައިދާނުގައި މަސައްކަތްކުރަން ބޭނުން: ރައީސް

އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއެކު، ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ބައިނަލްއަޤުވާމީ މައިދާނުގައި މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް ހުވާކުރެއްވުމާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސް ޑޮކްޓަރ މުޢިއްޒު، އެމެރިކާގެ ރައީސް ޓްރަމްޕަށް ފޮނުއްވި މެސެޖުގައި، އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށްޓަަކައި، އެ ލަނޑުދަނޑިއަށް ވާސިލުވުމުގައި މަސައްކަތް ކުރުމަށް ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި އަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި މިއީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

އެ ގޮތުން ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހިކުރުމާއި، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަގުގައި ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދެޤައުމުން ކުރާ މަސައްކަތް ދިވެހިރާއްޖެއިން ބަލައިގަންނަކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތަހުނިޔާގެ މި މެސެޖު ނިންމަވާލައްވަމުން، ރައީސް ޓްރަމްޕަށް އެ މަނިކުފާނުގެ ރައީސްކަމުގެ ދައުރުގެ ރަސްމީ މަސްޢޫލިއްޔަތުތައް އަދާކުރުމެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން، އެ މަނިކުފާނަށް ފުރިހަމަ ޞިއްޙަތަކާއި ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ރައީސް ޓްރަމްޕަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ރަސްމީ “އެކްސް” އެކައުންޓުން ޕޯސްޓެއްވެސް ކުރައްވާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *