ޚަބަރު
ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިއަށް ސަރުކާރުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމަށް އަމާޒު ކަނޑަައަޅުއްވައިފައިވާ ކަމަށް އެމަނިކުފާނު ހާމަކުރައްވައިފިއެވެ.

ދުނިޔޭގައި ޑިޖިޓަލީ އެންމެ ކުރިއަރާފައި އޮތް ގައުމުތަކުގެ ތެރޭގައި ހިމެނޭ، އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާ ހިމެނޭހެން އެމަނިކުފާނުގެ ދައުރުގައި އޮތް ބާކީ އަހަރުތަކުގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ބޭނުންވާ ގޮތަށް ޑިޖިޓަލްކޮށް ނިމޭނެ ކަމަށެވެ.

“ކުރިއަށް އޮތް ތާގައި މި އަހަރު ތެރޭގައި ހާއްސަ ގޮތެއްގައި ޑިޖިޓަލައިޒް ކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް، ޕަބްލިކް ސާވިސްގެ ހުރިހާ ހިދުމަތްތަކެއް، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، ހަމަ އެއްކޮށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން ހަތަރު އަހަރު ތެރޭގައި އަޅުގަނޑުމެން ހަމަ ބޭނުންވާ ގޮތަށް ބަދަލު ކުރާނަން އިރާދަކުރެއްވިއްޔާ،” ރައީސް ވިދާޅުވި އެވެ.

ޑިޖިޓަލް މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންނާއި ސަރުކާރު މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ބަދަލެއް އަންނައިރު އެކަމުގައި ދެކޮޅުވެރިކަމެއް އޮންނާނެ ކަމަށާއި ނަމަވެސް އެއީ ރަނގަޅު ކަމެއް ގޮތުގައި ބަލައިގަތުމުން ކާމިޔާބުވާނެ ކަމަށެވެ.

“އަދި އަޅުގަނޑަށް ޔަގީން އެކަމުގައި ދިވެހި ރައްޔިތުން އެއްބާރުލުން ދެއްވާނެ. ހަގީގަތުގައި އެއީ މިކަމުގައި އެންމެ މުހިންމު ތަންކޮޅަކީ ހަގީގަތުގައި އެނގޭތޯ. ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަދި މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން. ރައީސް ވިދާޅުވި އެވެ.

“މިކަމުގައި ކޮންމެއަކަސް ބަދަލެއް އަންނައިރުގައި އެ ޗޭންޖް އެއީ ނެޗުރަލީ އޮންނަ ރެސިސްޓަންސެއް ޗޭންޖަށް ރެސިސްޓަންސް އަންނާނެ. އެކަމަކު މި ޕޮޒިޓިވް ޗޭންޖެއްވީމަ އެކަމުގައި އެކަން ބަލައިގަތުން އެއީ ހަމަ މިކަމުގައި އެންމެ ކާމިޔާބު ކަމަކަށްވާނީ.”

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި އޮތް ޕޭޕާ ބޭސްޑް އާކައިވްތައް ޑިޖިޓަލް އާކައިވަކަށް ހެދުމަށް ބޭނުންވާ ކަމަށައި ޑިޖިޓަލް ދާއިރާއިން ރާއްޖޭގެ އިގްތިސާދު ވެސް ފުޅާ ކުރަން ބެނުންވާ ކަމަށެވެ.

މިގޮތުން 2030 ގެ ނިޔަަލަށް ރާއްޖެ ތަރައްގީ ކުރަމުން ގޮސް، އެންމެ މަދުވެގެން ރާއްޖޭގެ ޖީޑީޕީގެ 15 ޕަސަންޓު ހިއްސާކުރާނީ ޑިޖިޓަލް އިކޮނޮމީ ކަމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2040 ގެ ނިޔަލަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ޑިޖިޓަލައިޒް ކުރުން ވަރަށް އިސް ރޯލެއް އަދާ ކުރާނެ ކަމަށެވެ.

އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމު ޑިޖީޓަލައިޒް ކުރަން ހާސިލު ކުރި މަސައްކަތްތަކުގެ އިތުރުން ގޮންޖެހުންތަކުން އަރައިގަތް ގޮތް ދެނެގަނެވުނު ކަމަށާއި ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް އެ ގައުމުން އެހީތެރިވާނެ އެމްއޯޔޫއެއްގައި ސޮއިކުރެވުނުކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *