ޚަބަރު
މި ދައުރުގެ ކުރީކޮޅު ކާރިސީ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު އެކުލަވާލެއްވުމުން ދައްކުވައިދެނީ ރައީސުލްޖުމްހޫރިއްޔާ އެކަމަށް ދެއްވާ އަހައްމިއްޔަތު: ނައިބު ރައީސް
"ވިލުންތެރި 20" މަޢުރަޒު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

އަލަށް އެކުލަވާލި ދިވެހިރާއްޖޭގެ “ކާރިސީ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު” މި ވެރިކަމުގެ ޅަފަތުގައި އެކުލަވާލެވުމުން ދައްކުވައިދެނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ބައްޓަންކުރެއްވުމުގައި މިކަމަށް ދެއްވާ އަހަންމިއްޔަތުކަން ކަމުގައި ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅުވައިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އިންތިޒާމުކުރައްވާފައިވާ “ވިލުންތެރި 20” މަޢުރަޒު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ، ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަނެ، ވިލުންތެރި ފަތިހަކަށް ޤައުމު ގެންދެވުނީ، މާތްﷲ މި ޤައުމަށް މިންވަރުކުރައްވާފައިވާ އިސްލާމީ ހިދާޔަތުގެ ނޫރުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ކާރިސާގެ ވަގުތުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ހަނދާން އާކުރައްވައި، ސަލާމަތީ ބާރުތަކާއި، ދަރުމަވެރިންނާއި، ޢާންމު ރައްޔިތުން، އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ނެރެ، ޤައުމީ ޚިދުމަތުގައި ވެދެއްވި ޤުރުބާނީގެ އަގުވަޒަންކުރައްވާފައިވެއެވެ. އަދި މި ކާރިސާއާއެކު އުފަންވި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅުވައިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އިންތިޒާމުކުރައްވާފައިވާ މި މަޢުރަޒު ކުރިއަށްދަނީ، ނޭޝަނަލް އާޓް ގެލެރީގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އަންގާރަ ދުވަހު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ފާސްކުރެއްވި “މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030″ ގެ ފޮތް އިފުތިތާޙުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ހުށަހެޅުއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޚާއްޞަ ލަވައެއް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު މަޢުރަޒު ބައްލަވާލައްވައި،”ފަނޑުވުމެއް ނެތް ހަނދާންތައް” ސެގްމެންޓްގައި ސުނާމީއާ ގުޅޭ ޚާއްޞަ މެސެޖެއް، އެމަނިކުފާނު ލިޔުއްވިއެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި “ވިލުންތެރި 20” މައުރަޒުގެ ފޮޓޯފޮތް އެމަނިކުފާނަށް ވަނީ އަރުވާފައެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ ހިނގާފައިވަނީ މީގެ 20 އަހަރު ކުރިން، ޑިސެންބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ހެނދުނު 09:23 ގައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *