ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްކި ވާހަކައަކީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށާއި، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް އަމީންއަށް ރައްޔިތުން ހެދި ގޮތް ރައީސް މުއިއްޒަށްވެސް ހަދަން ޖެހިދާނެ ކަމަށް ބުނެ އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައެއް މީހަކު ވަނީ ވާހަކަ ދައްކާފައެވެ. އެ މައްސަލަ ފުލުހުން ބަލަން ފަށާފައި ވަނިކޮށް، ފައްޔާޒް ވަނީ އެކަން ދިފާއު ކޮށް ވާހަކަ ދައްކާފައެވެ.
އޭނާ ބުނި ގޮތުގައި ރާއްޖޭގެ ތާރިހުގައި ހިނގާފައިވާ ކަންކަން ވެރިންނަށް ހަނދާން ކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ރައީސް މުއިއްޒަށް ވެސް އޮތް ގޮތަކީ ރައީސް މުއިއްޒަށް ހެދިގޮތް ހެދުން ކަމަށް ދޭހަވާގޮތައް ފައްޔާޒް ވަނީ އިންޒާރުދީފައެވެ.
ފައްޔާޒްގެ ވާހަކަތައް ކުށްވެރި ކުރައްވާ މަޖިލީހުގެ ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން ކަމަށާއި، ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު އެ މައްސަލަ ވަގުތުން ބަލަންޖެހޭ ކަމަށެވެ.
އަދި އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެ ކަމެއް ކަމަށް ބަލައިގެންނުވާނެ ކަމަށް ވެސް އަބްދުލްރަހީމް ވަނީ ވިދާޅުވެފައެވެ.
މީހުން ހަވަރަށް ދީ “މަރަން” ތާއީދުކޮށް ފައްޔާޒް ދައްކާފައިވަނީ އިސްލާމީ ހަމަތަކުންވެސް ބޭރު ވާހަކައެއް ކަމަށް ރައީސް އަމީންގެ ކާފަ ދަރިކަނބަލުން ޑރ. ފަރަހަނާޒް ފައިޒަލް ވެސް ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ މިހާރު މަޖިލީހަށް ހުށަހަޅާފައިވާއިރު، ވަޒީރުންނާއި މަޖިލިސް މެންބަރުން ހިމެނޭހެންް ގިނަ ބަޔަކު ދަނީ ފައްޔާޒްގެ ވާހަކަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.