ޚަބަރު
އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓައިދޭ ނިޒާމް އެމްޓީސީސީއިން ތަޢާރަފުކޮށްފި
ފޮޓޯ : އެމްޓީސީސީ

ޔަންމާއިން ރާއްޖޭގައި ހަރަކާތްތެރިވާތާ 50 އަހަރު ފާހަގަކުރުމަށްޓަކައި ރޭ ވަރަށް ހާއްސަ ހަފުލާއެއް ހޮޓެލް ޖެންގެ ބޯލްރޫމްގައިވަނީ ބާއްވާފައެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ޖާޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޓަކެއޫޗީ މިދޯރީއެވެ.

އިވެންޓްގައި ޔަންމާ ޕަވާ ޓެކްނޮލޮޖީސްގެ ޑައިރެކްޓާ މަސާރޫ ހިރޮސޭ އާއި ޔަންމާ އޭޝިއާގެ މެނޭޖިން ޑައިރެކްޓަރު، ޖެކްސަން ޓާން އަދި ޔަންމާގެ އިސް އޮފިޝަލުންވަނީ ބައިވެރިވެފައެވެ. މި ހަފުލާގައި އާރްއެސްޑަބްލިޔު ނުވަތަ އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓައިދޭ ނިޒާމް ވަނީ ތަޢާރަފުކޮށްފައެވެ.

އާރްއެސްޑަބްލިޔު ނުވަތަ އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓަދޭ ނިޒާމު ރާއްޖެއަށް ތަޢާރަފުކުރުމަކީ ދިވެހި ސަރުކާރުގެ އިސްނެންގެވުމެކެވެ. އަދި، މިކަމަށް މަސްވެރިންނަށް ފައިސާ ދިނުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ މަސްވެރިކަމާބެހޭ ވުޒާރާގެ ގްރާންޓް ޕްރޮގްރާމްގެ ދަށުންނެވެ. އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓައިދޭ ނިޒާމްގެ ސަބަބުން މަސްވެރިން ބާނާ މަސް ތާޒާކޮށް އޭގެ ފެންވަރު ދަށް ނުވާނެހެން ބެހެއްޓުމަށް މަގުފަހިކޮށްދޭނެއެވެ.

އަދި، މިކަމުގެ ސަބަބުން މަސްވެރިންނަށް މަހުގެ ހަމައަގު ލިބި އާމްދަނީ އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ޑިސެމްބަރު 10 ނުވަތަ މަސްވެރިންގެ ދުވަހު ހާއްސަ ފޯރަމެއް އޮޑިވެރިޔާ ފޯރަމް ނަމުގައު ދަރުބާރުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ޔަންމާއިން ރާއްޖޭގައި ހަރަކާތްތެރިވާތާ 50 އަހަރު ފާހަގަކުރުމަށްޓަކައި ބޭއްވުނު ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ ވަނީ ދިވެހި މަސްވެރިންނާއި އޮޑިވެރިންގެ ވަރަށް ބޮޑު އެދުމެއް ހިއްސާކުރައްވާފައެވެ. އެގޮތުން، ކަސްޓަމަރަށް އިންޖީނު ލިބުމާދޭތެރޭގައި ހޭދަވާ ހަ މަހާއި ހަތް މަހުގެ މުއްދަތު އެއަށްވުރެ ކުޑަވާނެގޮތެއް ހައްދަވައި ދެއްވުން އެދި ޔަންމާގެ އިސްވެރިންގެ އަރިހުގައި ވަނީ އެދިވަޑައިގެންފައެވެ.

އަދި، ޔަންމާގެ ފަރާތުން ހަފުލާގައި ވާހަކަފުޅުދެއްކެވި ޔަންމާ އޭޝިއާގެ މެނޭޖިން ޑައިރެކްޓަރު ޖެކްސަން ޓާންގެ ވާހަކަފުޅުގައި ވަނީ މިކަމަށް ޖަވާބުދެއްވާފެއެވެ. އެގޮތުން، ދިވެހި މަސްވެރިންގެ އެދުމާއި އެއްގޮތަށް މުއްދަތު ކުޑަކޮށްދިނުމަށް ޔަންމާއިން ކުރެވެން ހުރި ކަންކަން ބައްލަވާނެކަމަށް ޖެކްސަން ޓާން ވަނީ ވިދާޅުވެފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *