ޚަބަރު
މިފްކޯގެ ސީއީއޯކަމަށް ސްވިޓްޒަރލޭންޑް ބޭފުޅަކު އައްޔަންކޮށްފި!

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސީއީއޯ ކަމުގެ މަގާމަށް ސްވިޒަލޭންޑްގެ ބޭފުޅެއް ކަމަށްވާ ޑރ.ވިޓާލީ ލުބިމޯވް އައްޔަން ކޮށްފިއެވެ.

މިކަމާ ގުޅިގެން މިފްކޯ އިން ބުނީ އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ޑރ.ވިޓާލީ ލުބިމޯވް އައްޔަން ކުރެވިފައިވާ ކަމަށާއި އެ ކުންފުނީގެ އައު ސީއީއޯ މާދަމާ ހެނދުނު ރަސްމީ މަސައްކަތާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.

ޑރ. ވިޓާލީގެ ލިންކްޑްއިން ޕްރޮފައިލްގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ އިކޮނޮމިކްސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފަ އެވެ. އޭނާ އަކީ އަޑިއަޅާލާފައިވާ ކުންފުނިތައް ދެމެހެއްޓެނިވި ވިޔަފާރި މޮޑެލްއަކަށް ބަދަލުކުރުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

ޑރ.ވިޓާލީ ވަނީ ބައެއް ބޭންކުތަކުގެ ކްރިޑިޑް އަދި ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގަ އާއި ބައެއް ކުންފުނިތަކުގެ ބޯޑް މެންބަރުކަމާއި އެޑްވައިޒަރުކަން ކުރައްވާފައެވެ. އަދި ބައެއް ކެޕިޓަލް ފަންޑުތަކުގެ ޗީފް ރިސްކް އޮފިސަރުކަން ވެސް ކުރައްވާފައިވެއެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަނު ކޮށްފައިވާ ޑރ.ވިތާލީގެ މުސާރައާއި އިނާޔަތްތަކުގެ ތަފުސީލު މިފްކޯއިން އަދި ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މިފްކޯއަށް ސީއީއޯއެއް ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމުގެ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 12،000 ޑޮލަރު (185،040ރ.) އާއި 15،000 ޑޮލަރު (231،300ރ.) ދެމެދުގެ މުސާރައެއް ލިބޭނެ އެވެ. އެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރެވެ.

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ ޝަމާހު ރަޝީދު އެވެ. ޝަމާހު އެ މަގާމުން ވަކިކޮށްފައިވަނީ މޭ މަހުގެ ތެރޭގައި އޭނާގެ މައްޗަށް ތުހުމަތުވި ކޮރަޕްޝަންގެ މައްސަލަތަކެއް ބެލުމަށް ފަހުގައެވެ

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *