ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އެންސްޕާ ހިންގުމަށް އިމާރާތެއް ހޯދުމަށް ހެދި އެއްބަސްވުން ބާތިލްކުރުމަށް އެ އިދާރާ އިން ނިންމައިފިއެވެ.
އެއިދާރާއިން މިކަން ހާމަކޮށް ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ އޭޖެންސީ ހިންގަމުންދާ “މޫކައި ސުއިޓްސް” އިމާރާތް މަރާމާތު ކުރުމަށްޓަކައި ހުސްކުރުމަށް އަންގާފައިވާ ކަމަށާއި ވުމާއެކު އެ އޭޖެންސީ ހިންގާނެ ތަނެއް ހޯދުމަށް މާލީ ވުޒާރާގެ އޯޕަން ޓެންޑާ އިން ހުޅުވާލައިގެން ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ މަތިން އެވޯޑްކޮށް އެ އޭޖެންސީ ހިންގުމަށް ލިބިފައިވާ އިމާރާތުގެ ފަންގިފިލާތައް މޯލްޑިވްސް މީޑިޔާ ހައުސް އިން ކުއްޔަށް ހިފުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެ މުއާމަލާތާއި ގުޅިގެން މޯލްޑިވްސް މީޑިޔާ ހައުސްގެ އަގު ވައްޓާލާ ބަދުނާމުކުރުމަށް ހަގީގަތާއި ހިލާފު އެތަށް ވާހަކަތަކެއް ދައްކާ، މީޑިޔާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުން ދިއުމުގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުންނާއި މައުނަވީ ގޮތުން ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިވެފައިވާތީ އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ މާލީ ވުޒާރާ އާއި މަޝްވަރާކުރުމަށްފަހު އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ އޭޖެންސީ އިން ނިންމާފައިވާ ކަަމަށާއި މި ކަމާއި ގުޅިގެން އިތުރަށް ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި މި އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ ކަމަށެވެ.
ފިނޭންސް މިނިސްޓްރީ އާއި ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް އޮންނަ އުސޫލުތަކުގެ ތެރެއިން ދެ ފަހަރަށް އިއުލާން ކުރިއިރު، ދެވަނަ ފަހަރު ކުރިމަތިލާފައިވަނީ މޯލްޑިވްސް މީޑިއާ ހައުސްއިން އެކަނި ކަމަށާއި އަދި ޓެންޑާ ބޯޑު ފިޔަވައި އެހެން ފަރާތަކާ އެކު އެ ކުންފުނިން މުއާމަލާތް ކޮށްފައި ނުވާނެ ކަމަށް އެންސްޕާ އިން އޭރު ބުނެފައިވެ އެވެ. އެ އިދާރާއިން އެތަން ފަސް އަހަރަށް ކުއްޔަށް ހިފާފައިވަނީ 34 މިލިއަން ރުފިޔާއަށެވެ.
މި މައްސަލަ ބަލައި ދިނުމަށް އެދި އެންސްޕާއިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އެދިފައިވާއިރު އެ އޭޖެންސީ އިިން މިހާރު ވަނީ މޯލްޑިވްސް މީޑިއާ ހައުސްއާ އެކު ހެދި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައެވެ.