ޚަބަރު
އެންސްޕާއާ ބެހޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ޙަޤީޤަތް ހާމަކޮށްދީފި
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު. --ފޮޓޯ: ރައީސް އޮފީސް

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ބެހޭގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތައް އެ އެޖެންސީން ދޮގުކޮށްފި އެވެ.

އެންސްޕާ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެންސްޕާ ހިންގަން އިމާރާތެއް ހޯދުމުގެ މުއާމަލާތަކީ މާލީ ވުޒާރާއާ އެ އެޖެންސީއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ޤަވާއިދާ އުޞޫލުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަަށެވެ.

“އެއީ މި އެޖެންސީ [އެންސްޕާ] އާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތެއް ނޫނެވެ،” އެންސްޕާ އިން ނެރުނު ނޫސް ބަޔާނުގައިވެއެވެ.

އެންސްޕާ ހިންގުމަށް މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންގެ ޒިންމާތައް ޙަވާލުކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ކުރަމުންދާ ކަމެެއް ކަމަށާއި، އަދި ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅުންހުރި އެފަދަ މުއައްސަސާއަކާ ގުޅޭގޮތުންނާއި، އެ މުއައްސަސާގެ މުވައްޒަފުންގެ ނަޒާހާތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މަޢުލޫމާތު ފަތުރަމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެއެވެ.

އަދި، އެ ފަދަ ދޮގު މަޢުލޫމާތު ފަތުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން، އެ މުއައްސަސާ އާއި، މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކާ ގުޅޭ ފުރިހަމަ، މިނިވަން ތަޙުޤީޤެއް ހިންގަވައިދެއްވާ އެކަންކަމުގެ ތަފްޞީލް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އެ އެޖެންސީގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެދޭ ކަމަށް ވެސް ބުނެފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *