ދިވެހިރާއްޖޭގެ ރިސޯޓުތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރާ އަދަދު ހުރީ އެންމެ ތިން އިންސައްތާގައިކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މުނައްވަރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ބޭންކިން ނިޒާމުގެތެރެއަށް ޑޮލަރު މާރުކުރަންޖެހޭ ގަވައިދެއް މިދިޔަ މަހު އެކުލަވާލާފައިވާއިރު ބޭރު ފައިސާއާ ބެހޭ ކަންކަން ހަރުދަނާކުރުމަށް އެމްއެމްއޭއިން މިހާރު އަންނަނީ ބޭރު ފައިސާއާބެހޭ ބިލެއް އެކުލަވާލަމުގެ މަސައްކަތް ކުރަމުންނެވެ.
މުނައްވަރު ވިދާޅުވީ ދިވެހިރާއްޖޭގެ ބޭންކިންގ އިންޑަސްޓްރީ ހަރުދަނާކުރުމަށްޓަކައި އަދި ބޭރު ފައިސާގެ މާކެޓް ހަރުދަނާ ކުރުމަށްޓަކައި ބޭރު ފައިސާގެ ގާނޫނެއް ކޮންމެހެން މުހިއްމުކަމަށެވެ.
“އެހެން ގައުމުތަކެކޭ އެއްގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭ، ދިވެހިރާއްޖޭގެ ބޭންކިނގ އިންޑަސްޓްރީ ހަރުދަނާކުރުމަށްޓަކައި އަދި ބޭރު ފައިސާގެ މާކެޓް ހަރުދަނާ ކުރުމަށްޓަކައި ބޭރު ފައިސާގެ ގާނޫނެއް ކޮންމެހެން މުހިއްމު” މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ އެހެން ގައުމުތަކުގައިވެސް ފޮރިން އެކްސްޗޭންޖް ގާނޫނެއް އޮންނަކަމަށާއި ދިވެހިރާއްޖޭގައި ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވާލާފައި ނެތްކަމަށެވެ. އަދި މީގެ ކުރިން މިފަދަ ގާނޫނެއްގެ ބޭނުން މާ ބޮޑަށް ނެތްކަމަށާއި ނަމަވެސް މިހާރު ބޭންކުތަކަށް ބޭރު ފައިސާ ވަންނަވަރު ވަރަށް މަދުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން 2019 ވަނަ އަހަރު އެވްރެޖްކޮށް އިންފްލޯގޮތުގައި ބޭންކަށް ޑިޕޮސިޓްކުރާ އަދަދު ގާތް ގަނޑަކަށް 70 އިންސައްތައަށް އަރާކަމަށާއި މިހާރު އެ އަދަދު ހުރީ ގާތްގަނޑަކަށް 50 އިންސައްތާގައިކަމަށް މުނައްވަރު ވިދާޅުވިއެވެ.
އަދި ރިސޯޓް އިންޑަސްޓްރީއާއި އެހެން ތަންތަން ހިމަނައިގެން 2019 ވަނަ އަހަރު ބޭންކުތައް މެދުވެރިކޮށް ޑޮލަރު މާރުކުރި އަދަދު ހުރީ ގާތްގަނޑަކަށް 20 އިންސައްތާގައކަން ފާހަގަކޮށް މުނައްވަރު ވިދާޅުވީ މިހާރު އެ އަދަދު ހުރީ 10 އިންސައްތާގައިކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ސީދާ ރިސޯޓުތަކުން ބޭންކަށް މާރުކުރާ އަދަދު ހުރީ ތިން އިންސައްތައިގައެވެ.
ގަވަރުނަރު މުނައްވަރު ވިދާޅުވީ ބޭންކުތަކަށް ޑޮލަރު ނުވަންނަ ނަމަ ރައްޔިތުންނަށް ބޭނުންވާ މުހިއްމުކަންކަން ނުކުރެވޭނެކަމަށާއި މި ގާނޫނު އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީވެސް ބޭންކުތަކަށް ބޭރު ފައިސާ ވެއްދުން ކަމަށެވެ.