ސެންޓަރ ފޮރ ޗައިނީޒް ލެންގުއޭޖް އެންޑް ޕްރޮފެޝަނަލް ސްކިލްސް (ސީސީއެލްޕީއެސް) އިފްތިތާހުކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީގައި މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އަހަރުގެ ޖެނުއަރީ މަހު ރައިސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ.
އޭގެ ތެރޭގައި ޗައިނާ އާއި ރާއްޖެއާ ދެމެދު ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ޕާޓްނާޝިޕް ބިނާކުރުމުގެ އެކްޝަން ޕްލޭން (2024-2028) އެއްބަސްވުން ހިމެނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން އެއް ގައުމު އަނެއް ގައުމަށްސިޔާސީ އިތުބާރު ލިބި އިގްތިޞާދީ ގޮތުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިވާނެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ޘަގާފީ ކަންކަން ހިއްސާވެސް ކުރުމަށް މަގުފަހިވާނެއެވެ.
މީގެއިތުރުން ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ އޮނިގަނޑުގެ ދަށުން ގާތް ގުޅުމެއް އުފައްދައި، ޗައިނާއާއެކު ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދޭ ހަރުދަނާ އަހައްމިއްޔަތުކަން ވެސް މިކަމުގެ ސަބަބުން ހާމަވާނެއެވެ.
ސެންޓަރ ފޮރ ޗައިނީޒް ލެންގުއޭޖް އެންޑް ޕްރޮފެޝަނަލް ސްކިލްސްގެ މެދުވެރިކޮށް ޗައިނާ ބަހާއި ޘަޤާފަތް އުނގަންނައިދިނުމުގެ ވަސީލަތްތަކާއި ޚިދުމަތްތައް ލިބޭނެއެވެ.