ވިޔަފާރި
އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކުގެ ސްޓޮކުގެ ހާލަތު

އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން ކަޅުބިލަމަސް، ރީނދޫއުރަހަ ކަންނެލި އަދި ލޯބޮޑުކަންނެލީގެ އާބާދީ އަންދާޒާ ކުރުމަކީ އައި.އޯ.ޓީ.ސީ ގެ ވަރކިންގ ޕާޓީ އޮން ޓްރޮޕިކަލް ޓޫނާސް ގެ ޒިންމާއެކެވެ. އަދި ލައްޓި އާއި ރާގޮނޑީގެ އާބާދީ އަންދާޒާ ކުރަނީ ވަރކިންގ ޕާޓީ އޮން ނެރިޓިކް ޓޫނާސް އިންނެވެ.

އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީ، އެންމެ ފުރަތަމަ އަންދާޒާ ކުރެވިފައިވަނީ 2011 ވަނަ އަހަރުއެވެ. މި އަންދާޒާކުރުމުގައި 1950 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީއަށް އައިސްފައިވާ ބަދަލުތަކާއި، 2009 އަހަރުގެ އާބާދީގެ މިންވަރު އަންދާޒާކޮށްފައިވެއެވެ. މި ނަތީޖާއަށް ރިޢާޔަތްކޮށް، މުސްތަޤުބަލަށް ދެމެހެއްޓޭނޭ މިންވަރަށްވުރެ އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އަބާދީ މަދު ނުވާ ކަމަށާއި، ކަޅުބިލަމަހުގެ މަސްވެރިކަން ކުރެވެމުން ދަނީ އާބާދީ ދެމެހެއްޓުމަށް ގެއްލުން ނުވާނޭ މިންވަރެއްގައި ކަމަށް، ވަރކިންގ ޕާޓީ އޮން ޓްރޮޕިކަލް ޓޫނާސް އިން ކަނޑައަޅައިފައިވެއެވެ. މި އަންދާޒާކުރުމަށް ބޭނުންވާ، މަސްވެރިކަމަށް ކުރާ ހޭދައިން މަސް ބޭނޭ މިންވަރުގެ (ކެޗް އެންޑް އެފަރޓް) މަޢުލޫމާތު ފޯރުކޮށްދީފައިވަނީ 2004 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ނަގައިފައިވާ ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ ތަފާސްހިސާބުތަކުންނެވެ. އެންމެ ފަހުން އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީގެ ހާލަތުގެ އެސެސްމަންޓެއް ހަދާފައިވަނީ، 2020 ވަނަ އަހަރުއެވެ. މި އެސެސްމަންޓަށް ފަހުގައި ވެސް ވަރކިންގ ޕާޓީ އޮން ޓްރޮޕިކަލް ޓޫނާސް އިން ކަނޑައަޅައިފައިވަނީ މުސްތަޤުބަލަށް ދެމެހެއްޓޭނޭ މިންވަރަށްވުރެ އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީ މަދު ނުވާ ކަމަށާއި، ކަޅުބިލަމަހަށް ކުރެވޭ މަސްވެރިކަން ކުރެވެމުން ދަނީ އާބާދީގެ ދެމެހެއްޓުމަށް ގެއްލުން ނުވާނޭ މިންވަރެއްގައި ކަމަށެވެ.

އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ އާބާދީ އެންމެ ފަހުން އަންދާޒާ ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި މި އަންދާޒާ ކުރުމުގެ ނަތީޖާއަށް ރިޢާޔަތްކޮށް، އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ އާބާދީ ވަނީ މުސްތަޤުބަލަށް ދެމެހެއްޓޭނޭ މިންވަރަށްވުރެ ދަށްވެފައި ކަމަށާއި، ރީނދޫއުރަހަ ކަންނެއްޔަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަން ކުރެވެމުން ދަނީ އާބާދީގެ ދެމެހެއްޓުމަށް ގެއްލުން ވާނޭ މިންވަރެއްގައި ކަމަށް ކަނޑައަޅައިފައިވެއެވެ. އަދި އިންޑިއާ ކަނޑުން ރީނދޫއުރަހަ ކަންނެލި ހިފާ މިންވަރު ދަށްކޮށް، އާބާދީ އިޢާދަކުރުމަށްޓަކައި އައި.އޯ.ޓީ.ސީ ގެ ކޮމިޝަނުން ވަނީ ޤަރާރުތަކެއް ފާސްކޮށްފައެވެ. މިގޮތުން އެންމެ ފަހުން ފާސްކޮށްފައިވަނީ ރިޒޮލޫޝަން އޮން އެން އިންޓަރިމް ޕްލޭން ފޮރ ރީބިލްޑިންގ ދި އިންޑިއަން އޯޝަން ޔެލޯފިން ޓޫނާ ސްޓޮކް އިން ދަ އައި.އޯ.ޓީ.ސީ އޭރިއާ އޮފް ކޮމްޕެޓަންސްއެވެ. މި ޤަރާރުގެ ދަށުން، 2014/2015 ވަނަ އަހަރަށްވުރެ، އެކި މަސްވެރިކަންތަކުން ރީނދޫއުރަހަ ކަންނެލި ބާނާފައިވާ މިންވަރު މަދުކުރަން ކަނޑައަޅައިފައިވެއެވެ. މިގޮތުން އެކިއެކި އާލާތްތައް ބޭނުންކޮށްގެން ކުރާ މަސްވެރިކަމުގައި ހިފާ ރީނދޫއުރަހަ ކަންނެލި މަދުކުރަންޖެހޭ މިންވަރުތައް މި ޤަރާރުގެ ދަށުން ކަނޑައަޅައިފައިވެއެވެ. އެހެންނަމަވެސް، އެކި އާލާތް ބޭނުންކޮށްގެން ކުރާ ކަންނެލީގެ މަސްވެރިކަމުގައި މިކަން ހާސިލުކުރެވުނު މިންވަރު ތަފާތުވެ، އަދި މި ޤަރާރުގެ ދަށުން އިސްތިސްނާވާ ބައެއް މަސްވެރިކަމުން ބާނައިފައިވާ މިންވަރު އެތައް ގުނައެއް މަތިވެފައިވުމުގެ ސަބަބުން، 2019 ވަނަ އަހަރު މުޅި އިންޑިއާ ކަނޑުން ރީނދޫއުރަހަ ކަންނެލި ބާނައިފައިވާ މިންވަރު ވަނީ މި ޤަރާރުގައި މަދުކުރުމަށް ކަނޑައަޅައިފައިވާ މިންވަރަށްވުރެ %5.22 އިތުރުވެފައެވެ.

ލޯބޮޑު ކަންނެލީގެ އާބާދީގެ މިންވަރު ބެލުމަށް 2019 ވަނަ އަހަރުގެ ކުރިން ހަދައިފައިވާ ސްޓޮކް އެސެސްމަންޓްތަކުން ލޯބޮޑުކަންނެލީގެ އާބާދީ، މުސްތަޤުބަލަށް ދެމެހެއްޓޭނޭ މިންވަރަށްވުރެ މަދު ނުވާ ކަމަށާއި، ލޯބޮޑު ކަންނެއްޔަށް ކުރެވޭ މަސްވެރިކަން ކުރެވެމުން ދަނީ އާބާދީގެ ދެމެހެއްޓުމަށް ގެއްލުން ނުވާނޭ މިންވަރެއްގައިކަމަށް ދައްކައިފައިވެއެވެ. ނަމަވެސް، 2019 ވަނަ އަހަރު ހެދުނު ސްޓޮކް އެސެސްމަންޓުގެ ނަތީޖާއިން އިންޑިއާ ކަނޑުގެ ލޯބޮޑު ކަންނެލީގެ މަސްވެރިކަން މިހާރު ކުރެވެމުން ދަނީ އާބާދީ ދެމެހެއްޓުމަށް ގެއްލުން ވާނޭ މިންވަރެއްގައި ކަމަށް ދައްކައިފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *